މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހުން ބަންދުނުކުރަން ހައި ކޯޓުން ނިންމި ނިންމުން ގޯސް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށް ހައި ކޯޓުން އަނެއްކާވެސް އެ މީހުން ބަންދު ނުކުރަން ނިންމައިފި އެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ދައުވާކުރެ އެވެ. އެއީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފާއި ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށް، އެ ހަތް މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދުނެވެ.
މީގެކުރިން ވެސް ހައި ކޯޓުން ކުރިން ނިންމާފައިވަނީ އެ ހަތް މީހުން ބަންދުކުރަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. ނަމަވެސް އޭރު ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ ހައި ކޯޓުގެ ނިންމުން ގޯސް ކަމަށެވެ.
ދެވަނަ ފަހަރަށް އެކަމާ ބެހޭގޮތުން ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމި ނިންމުމުގައިވަނީ ތުހުމަތުވާ މީހުން އެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ބުރަވެވޭ ފަދަ ހެއްކެއް ދައުލަތެއް ހުށަހަޅާފައިނުވާތީ އެ މީހުން ބަންދު ނުކުރެވޭނެ ކަމަށެވެ.
އަނަސްގެ މަރާ ގުޅިގެން ކުޑަކުއްޖަކަށް ވެސް ދައުވާކުރި އެވެ. އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން ކުރިން އިއްވި އެވެ. އެ ހުކުމް ކުރީގެ ސަރުކާރުން ވަނީ ލުއިކޮށްދީފަ އެވެ.