ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި މީހުންނަށް އެއް ފުރުސަތު ދިނުމަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ދަށުން އިލެކްޓްރޯނިކް ޓެގު އަޅުވާފައި ދޫކޮށްލަން ފަށައިފިއެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އަލަށް އެކުލަވާލީ ލުއިދިނުމުގެ ނިޒާމުގެ ދަށުން ދޫކޮށްލާ މީހުން ކަނޑައަޅާނީ ފުލުހުންނާއި ކަރެކްޝަންސް އިން ހަދާ ހާއްސަ އެސެސްމަންޓަކަށް ބެލުމަށްފަހު ކަމަށެވެ.

އެ އެސެސްމަންޓުގައި ބަލާނީ އެ މީހުން ދޫކޮށްލުމުން މުޖުތަމައަށް އޮތް ނުރައްކަލަކީ ކޮބައިތޯ ކަމަށް އެ އޮފީހުން ބުންޏެވެ. އެ އެސެސްމަންޓުގައި ބަންދުން ދޫކޮށްލާ މީހުން މޮނީޓާ ކުރަން ފެންނަ މިންވަރު ބަޔާންކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ޓެގު އަޅުވާފައި ބަންދަށް ލުއި ދޭނީ، ބަންދަށް ލުއި ދޭން ފެންނަ ހާލަތްތަކުގައި، ބަންދު މުރާޖައާކުރަން ކޯޓަށް ހުށަހަޅައިގެންނެވެ. މި ލުއި ދޭން ނިންމާފައި ވަނީ ގިނަ ވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތެއްގެ ގޮތުގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ އެފަދަ މީހުން ބަންދުން ދޫކޮށްލުމާ ގުޅޭގޮތުން ހޯމް މިނިސްޓަރު އަލީ އިހްސާނާއި ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފާ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.

ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުތުތައް މުރާޖައާކުރުމަށް ކޮންމެ 100 ދުވަހަކުން ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

"ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ މިއިން މީހަކު ހިލާފު ވެއްޖެ ހާލަތެއްގައި، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ،" ޕީޖީ އޮފީހުން ބުންޏެވެ.

ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން ލުޔަށް އެދޭ މީހުންގެ ވަކީލުންނަށް އެކަމަށް އެދުމުގެ ފުުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

އެ ބައްދަލުވުމަށް ފަހު ރައީސް ވާނުވާ ބަންދުގައި ތިބި މީހުންނާ ގުޅޭ ގޮތުން ހުށަހެޅީ ހިޔާލުތަކާ ގުޅޭ ގޮތުން ރައީސް އޮފީހުގައި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އާއި ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އަދި ބަންޑާރަނައިބު އަހުމަދު އުޝާމްއާ މަޝްވަރާކުރައްވާފަ އެވެ. ޖަލުތައްކޯޓުތައްކުށްކުރުންޕްރޮސެކިޔުޓާ ޖެނެ