ސައިންސްވެރިންގެ ދިރާސާއަކުން، ގައުޓް އަންނަން މެދުވެރިވާ ސަބަބު ހޯދައިފި އެވެ.

ސައިންސްވެރިން ކުރި މި ދިރާސާގައި 2.6 މިލިއަން މީހުންގެ ޖެނެޓިކް މައުލޫމާތު ބަލައި ދިރާސާކޮށްފައިވެ އެވެ.

ނިއުޒިލެންޑްގެ އޮޓާގޯ ޔުނިވާސިޓީގެ އެޕިޑެމިއޮލޮޖިސްޓް ޓޯނީ މެރިމަން ވިދާޅުވީ ގައުޓަކީ ޖެނެޓިކް އަސާސެއްގެ މައްޗަށް ބިނާވެފައިވާ ދާއިމީ ބައްޔެއް ކަމަށާއި، މި ބަލި ޖެހެނީ ދިރިއުޅުމުގެ ވައްޓަފާޅިއާއި ކާނާގެ ސަބަބުން ކަމަށް ދެކޭ ދެކުން ބަދަލުކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ކުރެވުނު ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި ގައުޓް ޖެހުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޖެނެޓިކްސްކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ. މިގޮތުން ގައުޓް ޖެހޭ މީހުންގެ ޑީއެންއޭގައި 377 ވަކި ސަރަހައްދެއް ފާހަގަކުރެވިފައިވެ އެވެ. މީގެ ތެރެއިން 149 ސަރަހައްދަކީ މީގެ ކުރިން ގައުޓާ ގުޅުވިފައިނުވާ ސަރަހައްދުތަކެކެވެ.

ދިރާސާގެ ހޯދުންތަކުން އިތުރަށް ދައްކާގޮތުގައި ގައުޓް ފަރުވާ ކުރުމަށް އައު ގޮތްތައް ހޯދަންޖެހެ އެވެ. ޚާއްސަކޮށް ހަށިގަނޑުގެ އިމިއުން ސިސްޓަމް ކޮންޓްރޯލް ކުރުމަށް މިހާރު ބޭނުންކުރާ ބައެއް ބޭސްތައް ގައުޓްގެ ފަރުވާއަށް ވެސް ބޭނުންކުރެވިދާނެ ކަމަށް ދިރާސާއިން ދައްކަ އެވެ.