ކޮޅިގަނޑެއްގައި ޖެހި އިންޑިގޯގެ ބޯޓުގެ ކުރީ ކޮޅަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
277 ޕަސެންޖަރުންނާއިއެކު އިންޑިއާގެ ދިއްލީ އިން ސްރިނަގަރު އަށް ދަތުރުކުރި މި ބޯޓު ކޮޅިގަނޑެއްގައި ޖެހި ވަނީ ވަރަށް ބޮޑަށް ލޮޅުން އަރާފަ އެވެ.
ދައުރުވަމުންދާ ވީޑިއޯތަކުން ބޯޓުގައި ތިބި ޕަސެންޖަރުން ބިރުން އުޅޭ މަންޒަރު ފެންނައިރު ބޯޓުން ދަތުރުކުރި މީހަކު ބުނީ ކޮޅިގަނޑެއްްގެ ތެރެއަށް ބޯޓު ވަންނާތީ ސީޓްބެލްޓް އަޅައިގެން ތިބުމަށް ޕައިލެޓް ބުނުމާ ހަމައަށް ހުރިހާ ކަމެއްވެސް ދިޔައީ އަމާންކޮށް ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން ބޯޓަށް ލޮޅުންގަނޑެއް އެރުމުން ވަރަށް ބޮޑަށް ބިރު ގަތްކަމަށް އޭނާ ބުނެފައިވެ އެވެ.
ބޯޓުގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއްވި ނަމަވެސް ބޯޓު ވަނީ ސްރިނަގަރު އެއާޕޯޓުގައި ކާމިޔާބު ކަމާއެކު ޖައްސާފަ އެވެ. އަދި ބޯޓުން ދަތުރުކުރި ހުރިހާ ޕަސެންޖަރުންގެ ހާލުވެސް ރަނގަޅުކަމަށް އެއާޕޯޓުގެ އޮފިޝަލުން ބުނެ އެވެ.
އެއާއެކު މި ބޯޓު މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވާކަން އިންޑިގޯއިން އިއުލާނުކޮށްފައިވާއިރު ކޮޅިގަނޑުގެ ސަބަބުން އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ވެސް ބުރޫ އަރާ، ގިނަ ފްލައިޓްތަކެއް ވަނީ ޑިލޭ ވެފަ އެވެ.