ރާއްޖެއިން ބޭރުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެވަނަ ޑޯޒް ދިނުމަށް އެޗްޕީއޭ އިން ނިންމައިފި އެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރާއްޖެއިން ބޭރުން ކޮވިޝީލްޑް، ސިނޮފާމް އަދި ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ، މީހުންނަށް ދެވަނަ ޑޯޒް ރާއްޖޭގައި ޖެހުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.

އެހެންކަމުން ރާއްޖެއިން ދެވަނަ ޑޯޒް ޖަހަން ބޭނުންވާ މީހުން ވެކްސިން ޖެހިކަމުގެ ލިޔުން އަދި އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ކޮޕީއެއް [email protected] އަށް ފޮނުވުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.

ރާއްޖޭގައި މިހާރު ޖަހަމުން ދަނީ ކޮވިޝީލްޑް އަދި ސައިނޯފާމް ވެކްސިނެވެ. އަދި ޚާއްސަ ހާލަތްތަކުގައިވާ މީހުންނަށް ފައިޒާ ވެކްސިން ދިނުމަށް ނިންމައި ރަޖިސްޓްރީވާން ވަނީ ހުޅުވާލާފަ އެވެ.

މިހާތަނަށް ރާއްޖެއިން 251،139 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އަދި 2،016 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފަ އެވެ.