މިފަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ކުޅަދާނަ ދިވެއްސެއްގެ ވަރަށް ތަފާތު އުފެއްދުމެއް ދައްކާލައިފި އެވެ. އިސްމާއިލް އަފުރާހުގެ "އެޓޯލް ސްކީ"އަކީ އުދުހޭ ލޯންޗެކެވެ. އެހެން ގޮތަކަށް އުދުހޭ ކުޑަ ބޯޓެކެވެ.

މި އުޅަނދަކީ ފެނުގެ ސަތަހައިގެ ކުޑަތަންކޮޅެއް މަތީގައ،ި "ގްރައުންޑް އިފެކްޓް" ނުވަތަ ކަނޑުގެ ލޮނުގަނޑާ އުޅަނދާ ދެމެދު ވައި ފިއްތައިގެން ވައިގެ ތެރޭގައި ދަތުރުކުރާ އުޅަނދެކެވެ. މިއީ ފިޔަތަކާއި ކަނޑުގެ ލޮނުގަނޑާ ދެމެދުގައި ހިފެހެއްޓިފައިވާ ކަނޑު އުޅަދެކެވެ. މި ހާއްސަ އުފުލޭ ބާރުގެ ސަބަބުން، މި އުޅަނދަށް ބާރު ދުވެލީގައި ހަރުދަނާކަމާއެކު ސަތަހައާ ވަރަށް ކައިރިން ދަތުރު ކުރުމުގެ ގާބިލްކަން ލިބިގެންވެ އެވެ.

"މިއީ މަތިންދާބޯޓެއް ނޫން، ލޯންޗެއް ވެސް ނޫން. ދެ އުޅަނދު އެއްކޮށްލާފަ (އުދުހޭ ލާންޗު، ނުވަތަ ފުޅަނދު) މި އުޅަނދަކީ ފެނުގަ ނުޖެހި ކުޑަ ތަންކޮޅެއް މަތިން ދަތުރު ކުރާ އުޅަނދެއް. އުދުހޭނީ ފުޅަނގި އުދުހޭ ގޮތަށް،" އޭނާ ބުންޏެވެ.

އިސްމާއިލް އަފުރާހު ތައްޔާރުކުރި އުދުހޭ ލާންޗު.

އަފުރާހު ބުނީ މި އުޅަނދުގެ އުދުހުން އެންމެ އެއްގޮތް ވާނީ ފުޅަނގީގެ އުދުހުމާ އެވެ. އަދި ހަމައެއާއެކު ފެނުގައި ނުޖެހިމި އުފުލޭ ބާރުގެ ސަބަބުން ތެލުގެ ޚަރަދު މިހާރު ދުއްވާ 4 އިންޖީނު އެޅި ލާންޗުތަކާއި އަޅާބަލާއިރު 75 ޕަސެންޓް ކުޑަކޮށްދެ އެވެ. އަދި ސީޕްލޭނަކަށް ވުރެ 85 ޕަސެންޓް ތެޔޮ ޚަރަދު ކުޑަ އެވެ.

"މިއުޅަނދު އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖެއަކީ ކަނޑު ދަތުރުފަތުރަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށްވުމާ އެކު ދަތުރުފަތުރަށް ކުރަން ޖެހޭ ތެލުގެ ޚަރަދުބޮޑުވުމާއެކު މި އުޅަނދުގެ ސަބަބުން ދަތުރު ފަތުރު ކުރުމުގައި މިހާރަށް ވުރެ ތެލުގެ ޚަރަދު ބޮޑުތަނުން ކުޑަކުރުމާއި މިހާރު ކަނޑުގައި ދުއްވާ އުޅަނދު ރާޅާޖެހުމުން ލިބޭ ފަދަ ތަކުލީފުތަށް ކުޑަކޮށްދީ ދަތުރުގެ ދިގުމިން ކުރުކޮށްދިނުމުގެ މަގުސަތުގައި އުފައްދާފައިވާ އުޅަދެއް،" އަފުރާހު އޭނާގެ ފޭސްބުކްގައި ބުނެފައިވެ އެވެ.

އުދުހޭ ލާންޗު މޯލްޑިވް އެކްސްޕޯގައި ދައްކާލަން ބަހައްޓާފައި.

އުޅަނދާ ބެހޭ ބައެއް މައުލޫމާތުތައް:

  • ޚާއްސަ ސިފަ: ކަނޑުގެ ލޮނުގަނޑާ ކައިރިން 6 ފޫޓު މަތިން ދަތުރު ކުރުމުގެ ސަބަބުން ތެލުގެ ޚަރަދު 75 ޕަސެންޓް ކުޑަވުން.
  • ގްރައުންޑް އިފެކްޓް: ކަނޑުގެ ލޮނުގަނޑާ 20 ފޫޓު ދެމެދު.
  • އެންމެ މައްޗައް އުދުހޭ އުސްމިން: 60 ފޫޓު
  • ދުވެލި: 120 މޭލު 90 ނޮޓު
  • އުޅަނދުގެ ބާވަތް: ކަނޑު އުޅަދުދުއްވުމުގެ ލައިސަންސް: ކަނޑު އުޅަނދުގެ ލައިސަންސް
  • ދަތުރުކުރެވޭ އެންމެ ދުރުމިން: ގާތްގަނޑަކަށް 345 މޭލު
  • ބޭނުންކުރާ ތެލުގެ ބާވަތް: ޕެޓްރޯލް
  • ބޭނުންކުރާ އިންޖީނު: ކާރުގެ އިންޖީނު

"ހުރިހާ"އާ ވާހަކަދައްކަމުން އަފުރާހު ބުނީ މި ޓެކްނޮލޮޖީ މިހާރު ވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި ކާމިޔާބުކަމާއެކު ބޭނުންކުރަމުން އަންނަ ކަމަށެވެ. މިގޮތުން ސިންގަޕޫރާއި ސައުތުކޮރެއާ މި ޓެކްނޮލޮޖީ ބޭނުންކޮށްގެން މީހުން އުފުލޭ އުޅަނދު އުފައްދައި ބޭނުންކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

އިސްމާއިލް އަފުރާހު ތައްޔާރުކުރި އުދުހޭ ލާންޗު މޯލްޑިވްސް އެކްސްޕޯގައި ދައްކާލަން ބަހައްޓާފައި.

"އެހެންވީމާ ރާއްޖޭގައި ވެސް މި އުޅަނދު އުފައްދައި ބޭނުން ނުކުރެވެންވީ ސަބަބެއް ނެތް. އެކްސްޕޯ ނިމުމާއެކު އަޅުގަނޑުމެން ވެސް މިއުޅަނދު ޓެސްޓް ދަތުރުތައް ފަށާނަން،" އޭނާ ބުންޏެވެ.

ށ. ކަނޑިތީމަށް އުފަން އަފުރާހު ބުނީ މިފަދަ އުޅަނދެއް އުފެއްދުމުގެ މަގުސަދަކީ އަތޮޅު ތެރޭގެ އެއް ރަށުން އަނެއް ރަށަށް ފަސޭހަކާއި އަވަސްކަމާއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.

"އަޅުގަނޑުމެން މި ވިސްނަނީ މަދުވެގެން ދެ މީހުން ގޮވައިގެން ދަތުރުކުރެވޭ އުޅަނދެއް ތައްޔާރުކުރުން. އެކަން ކުރެވޭނެ. އެއީ މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެފަދަ އުޅަނދު އުފައްދައި ބޭނުންކުރަމުން އަންނާތީ،" އޭނާ ބުންޏެވެ.

އިސްމާއިލް އަފުރާހު ތައްޔާރުކުރި އުދުހޭ ލާންޗު މޯލްޑިވްސް އެކްސްޕޯގައި ދައްކާލަން ބަހައްޓާފައި.

އަފުރާހުގެ "އެޓޯލް ސްކީ" ޑިޒައިންކުރީ އެސްކާވަންގެ ޑިޒައިން އަސްލަކަށް ބަލައިގެން ޑރ. ހަސަން ހަމީދު އެވެ.

"ޑރ. ހަސަންގެ ޑިޒައިންއަކަށް މި އުޅަނދު ތައްޔާރުކުރީ. މިއީ އާއްމުންގެ އިތުބާރު ލިބޭ ދަތުރުފަތުރުގައި ބޭނުންކުރާނެ އުޅަނދަކަށް ވާނެ،" އަފުރާހު ބުންޏެވެ.

އެޓޯލް ސްކީގައި ބޭނުންކުރާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސިންގަޕޫރުގައި 8 މީހުން އުފުލޭ އުޅަނދަކާއި ތިން މީހުން އުފުލޭ އުޅަނދެއް އުފައްދައި ބޭނުންކުރަން ފަށާފައިވެ އެވެ.

އިސްމާއިލް އަފުރާހު އުދުހޭ ލާންޗު ތައްޔާރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ.

"މިއީ ރާއްޖޭގައި މީހުންގެ އިތުބާރު ލިބޭ އެއްޗަކަށް ވާނެ ކަމަށް އަޅުގަނޑުގެ އުއްމީދު އެބައޮތް. އެއީ މިކަހަލަ އުޅަނދުތައް އުފައްދައި ބޭނުންކުރަމުން އަންނާތީ،" އޭނާ ބުންޏެވެ.

އަފުރާހުގެ އުދުހޭ ލާންޗް ތައްޔާރުކުރީ ފޯމް ބޯޑާއި ލަކުޑި އަދި ކާބަން ފައިބާ ބޭނުންކޮށްގެންނެވެ. އޭނާ ތައްޔާރުކުރި 5.5 ފޫޓުގެ މި އުޅަނދު ހުޅުމާލޭގައި މިހާރު ކުރިޔަށްދާ އެކްސްޕޯގައި ދައްކާލަން ބަހައްޓާފައި އެބައޮތެވެ. މިއީ ދިވެހިންގެ ކުޅަދާނަކަން ދައްކައިދޭ އުފެއްދުމެކެވެ.