ސައުދީ އަރަބިއްޔާއިން އިޒްރޭލާއެކު ގުޅުން ގާއިމުކުރުމަކީ މެދުއިރުމަތީގެ ސުލްހައަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
ސައުދީ އަރަބިއްޔާގައި މަދަނީ ނިއުކްލިއާ ޕްރޮގްރާމެއް ގާއިމުކުރުމަށް އެމެރިކާއާއި ސައުދީއާ ދެމެދު ޖުލައި 22 ގައި އެއްބަސްވި ތާރީހީ މުއާމަލާތަކީ، ރިޔާދުން އިޒްރޭލާއެކު ގުޅުން އާންމުކުރުމުގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިއަދު ވިދާޅުވެފަ އެވެ.
ޓްރަމްޕްގެ މި އިއުލާނަށްފަހު ނަތަންޔާހޫގެ އޮފީހުން ބުނެފައި ވަނީ، ސައުދީ އަރަބިއްޔާ "އަބްރަހަމް އެކޯޑްސް" (އިޒްރޭލާއެކު ގުޅުން ގާއިމުކުރުމުގެ އެއްބަސްވުންތަކުގައި) ބައިވެރިވުމަކީ މެދުއިރުމަތީގެ ސުލްހައަށް ލިބޭނެ ތާރީހީ ކުރިއެރުމެއް ކަމަށެވެ. އަދި ތެހެރާންގެ ނަސްލު ނައްތާލުމަށް މަސައްކަތްކުރާ ނިޒާމާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލު ގުޅިގެން ހިންގާ އަސްކަރީ ހަރަކާތްތަކާއި، އީރާނުގެ ބާރުވެރިކަން ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން، ސުލްހައިގެ ދާއިރާ ފުޅާކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.
"އަބްރަހަމް އެކޯޑްސް" އަކީ ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި އެމެރިކާ މެދުވެރިވެގެން ސޮއިކުރި، ގުޅުންތައް އާންމުކުރުމުގެ އެއްބަސްވުންތަކެކެވެ. މި އެއްބަސްވުންތަކުގެ ދަށުން އިޒްރޭލުން ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރޭން އަދި މޮރޮކޯއާއެކު ފުރަތަމަ ފަހަރަށް ރަސްމީ ހާރިޖީ ގުޅުން ގާއިމުކޮށްފަ އެވެ.
ސޫދާނުން ވެސް މި އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، އެ ގައުމުގައި ހިނގަމުންދާ ދާހިލީ ހަނގުރާމައާ ގުޅިގެން އެ އެއްބަސްވުން ތަސްދީގުކޮށް އަމަލީ ސިފައެއް ގެނެވިފައެއް ނުވެ އެވެ.
މި އެއްބަސްވުންތަކަކީ އަރަބި ގައުމުތަކުން ޒަމާނުއް ސުރެ ގެންގުޅެމުން އައި އުސޫލުތަކާ ހިލާފު ކަމެކެވެ. އެ ގައުމުތަކުގެ ކުރީގެ ސިޔާސަތަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރެވެންދެން އިޒްރޭލާއެކު ގުޅުން ގާއިމު ނުކުރުމެވެ.
ސައުދީ އަރަބިއްޔާއިން އަދިވެސް ދެމިއޮތީ، ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ސާފު މަގެއް ފެންނަން ނެތް ނަމަ އިޒްރޭލާއެކު ގުޅުން ގާއިމު ނުކުރާނެ ކަމުގެ ސިޔާސަތުގަ އެވެ.
ސަޕޯޓަރުންގެ ކަންބޮޑުވުންތަކަށް އަމީތާބު ރައްދު ދީފި
"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"ގެ އާ ޓްރެއިލާއެއް ނެރެފި
ކުދިކުދި ކަންކަމަށް އިހުމާލު ވުމަކީ ނުރައްކާ ކަމެއް!