ރަޝިއާ (26 މޭ) - ރަޝިއާގެ ރައީސް ވްލަދްމީރް ޕުޓިން ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރަށް ހަމަލާދޭން ޔޫކްރެއިނުން މަސައްކަތްކޮށްފި އެވެ.

ރަޝިއާގެ އަސްކަރިއްޔާގެ ކޮމާންޑަރަކު މިކަން ޔަގީންކޮށްދެމުން ބުނީ ރަޝިއާގެ ކުރްސްކް އަށް ވަޑައިގަތުމަށް ޕުޓިން ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ޑްރޯން ހަމަލާއެއްގެ މެދުތެރެއަށް ވަން ކަމަށެވެ.

އެއާއެކު ވައިގެ ހަނގުރާމަ އަކާ ކުރިމަތިލާން ޖެހުނުކަމަށާއި ޕުޓިންގެ ހެލިކޮޕްޓަރުގެ ދަތުރުގެ ރައްކާތެރިކަން ކަށަވަރު ކޮށް، ދުޝްމިނުންގެ ޑްރޯން ހަމަލާ ހުއްޓުވުނު ކަމަށް ރަޝިއާގެ އެއާ ކޮމާންޑަރެއް ކަމަށްވާ ޔުރީ ދަޝްކިން ވެސް ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅޭގޮތުން ޔޫކްރެއިނުން ރަސްމީގޮތުން އެއްޗެއް ބުނެފައިނުވާއިރު، ޔޫކްރެއިންގެ އޮބްޒާވަރުން ވަނީ މިއީ ޕުޓިން އަމަލީ ގޮތުން ހަނގުރާމައިގައި ބައިވެރިވާކަން ދެއްކުމަށްޓަކައި ރަޝިއާއިން ކުރި ކަމެއް ކަމަށް ބުނެފަ އެވެ.

މިިދިޔަ މާޗު މަހު ރަޝިއާގެ ސިފައިން ޔޫކްރެއިންގެ އަތުން އަތުލައިގަތްފައިވާ ކުރްސްކަށް މި ހަފްތާގެ ކުރީކޮޅު ވެސް ޕުޓިން ވަނީ ދަތުރުކުރައްވާފަ އެވެ. މިއީ ރަޝިއާއިން އެތަން އަތުލި ފަހުން ޕުޓިން އެ ސަރަހައްދަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.