މީގެ ނުވަ އަހަރު ކުރިން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި، ގދ. ތިނަދޫ މެޖިސްޓްރޭޓްކަން އަދާކުރި އިބްރާހީމް ރަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 15 އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފި އެވެ.
އިބްރާހީމް ރަޝީދު ހައްޔަރުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ މޭ މަހުގެ 28 ވަނަ ދުވަހުގެ ދަންވަރު 12:49 ހާއިރު، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގދ. ތިނަދޫ ގޯލްޑްސްމިތް ދެކުނުގެ ހުންނަ ކަންމައްޗަށް ފުލުހުން ދިޔައިރު، އޭނާ އެގޭ ކުރިމަތީގައި ހުރި ވޭވް ސައިކަލަކާ ދިމާލަށް ދަނިކޮށް ފުލުހުން މީނާ ހުއްޓުވި ވަގުތު، އޭނާގެ ވައަތުން ނަގައި އެއްލާލި ރަބަރު ޕެކެޓުގައި 0.0123 ގްރާމް ޑައިމޯފިން ހުރި ކަމަށް އޭގެ ތަހްލީލް ރިޕޯޓުން ދައްކާތީ އެވެ.
މި މައްސަލަ އިބްރާހީމް ރަޝީދުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ 23 އޮގަސްޓު 2023 އެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 25000ރ. އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.
އެއާއެކު ކްރިމިނަލް ކޯޓުގެ މި ހުކުމް އިސްތިއުނާފު ކުރުމަށް އިބްރާހީމް ރަޝީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އެވެ.
އެހެންނަމަވެސް، މި މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުން ވެސް ވަނީ ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމް ބާތިލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އެ ހުކުމަށް ތާއީދު ކުރައްވާފަ އެވެ.
ހައި ކޯޓުން މި މައްސަލަ ބެއްލެވީ ހުޒައިފާ މުހައްމަދު، މުހައްމަދު ފައިސަލް އަދި މުހައްމަދު ޝަނީޒު އަބްދުﷲ ހިމެނޭ ބެންޗަކުންނެވެ.