ރައީސް މުހައްމަދު މުއިއްޒު، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން އައްޔަން ކުރައްވައިފި އެވެ.

މި މަގާމަށް ރައީސް ވަހީދު އައްޔަންކުރައްވާފައި ވަނީ މުސާރަ ލިބިވަޑައި ނުގަންނަވާ ގޮތަށެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަގާމަށް އައްޔަން ކުރެއްވުމަށްފަހު، ރައީސް މުއިއްޒު ވަނީ ރައީސް ވަހީދާ ބައްދަލު ކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ވަހީދަކީ ވަރަށް ގާބިލު ބޭފުޅެއްކަން ފާހަގަކުރައްވައި ރާއްޖޭގެ ހާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާއެކު މަސައްކަތްކޮށްދެއްވުމަށް ރައީސް މުއިއްޒު އެދިވަޑައިގެންނެވި ކަމަށާއި އިގްތިސާދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ގައުމުތަކާއެކު މަޝްވަރާކުރައްވައި އެރޮގުން ކާމިޔާބީ ހާސިލުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވި ކަމަށެވެ.

މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަގީންކަން ވެސް ރައީސް މުއިއްޒު ވަނީ މި ބައްދަލުވުމުގައި އަރުވާފަ އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވަނީ ސަރުކާރަށް ހިދުމަތްކުރެއްވުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާ، އެމަނިކުފާނުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރައީސް ވަހީދަކީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހުން ފެށިގެން 2013 ނޮވެމްބަރު 17 ވަނަ ދުވަހާ ހަމައަށް ދިވެހިރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން އެބޭފުޅާ ހުންނެވީ ރާއްޖޭގެ ނައިބު ރައީސްކަމުގެ މަގާމުގަ އެވެ.

މީގެ އިތުރުން ވެސް ރައީސް ވަހީދު ވަނީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ރާއްޖޭގެ ތައުލީމީ ދާއިރާ އާއި ޔުނިސެފްގެ އިސްމަގާމުތަކެއް ވެސް ފުރުއްވާފަ އެވެ.