ހައްޖުގެ މަތިވެރި އަޅުކަމަށް އިއްޔެ ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ދިޔަ ދިވެހި ހައްޖާޖީންނަށް ސައުދީ ސަރުކާރުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
އަލަށް އިފްތިތާހު ކުރި މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހައްޖަށް ދިޔަ ދިވެހިންނަށް ޖިއްދާ އެއާޕޯޓުން މަރުހަބާ ދެންވުމަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ބޭފުޅުންނާއި ދިވެހި ހައްޖު މިޝަން، ސައުދީގައި ހުންނަ ދިވެހި އެމްބަސީ އަދި ހައްޖު ކޯޕަރޭޝަންގެ ބޭފުޅުން އެއާޕޯޓުގައި ވަނީ ހަރަކާތްތެރިވެފަ އެވެ.
މިއީ ދިވެހި ހައްޖުވެރިންނަށް އެފަދަ ގޮތަކަށް ޖިއްދާ އެއާޕޯޓުން މަރުހަބާ ދެންނެވި ފުރަތަމަ ފަހަރެވެ.
ރާއްޖެއިން މިއަހަރު ޖުމްލަ 1،000 ހައްޖުވެރިން ހައްޖަށް ދިޔުމަށް ހަމަޖެހިފައިވާއިރު އިއްޔެ 234 ހައްޖުވެރިންނާއެކު ފުރަތަމަ ގްރޫޕް ވަނީ ފުރާފަ އެވެ.
އިއްޔެ އަލަށް އިފްތިހާހު ކުރި މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ރާއްޖޭގެ ހައްޖުވެރިން ޖިއްދާ އެއާޕޯޓުގައި މަޑުނުކޮށް ހޮޓަލަށް ދެވޭނެ ކަމަށާއި ހައްޖުވެރިން އަމިއްލަ ގައުމުން ފުރާނީ ސައުދީ އެއާޕޯޓްގައި ކުރަންޖެހޭ ކަންކަން ވެސް ކޮށްގެން ކަމަށް މީގެ ކުރިން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ.