ނޯޓިސް ނުދީ ވަޒީފާއިން ކަނޑާލުމުން ނޯޓިސްގެ މުއްދަތަށްވާ 42،000 ޑޮލަރު ހޯދަން މިފްކޯގެ ކުރީގެ ސީއީއޯ ޑރ. ވިޓާލީ ލިއުބިމޮވް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފި އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 10 ގައި މިފްކޯގެ ސީއީއޯ ކަމާ ހަވާލުވި ލިއުބިމޮވް ވަޒީފާއާ ހަވާލުވިތާ ތިން މަސް ފަހުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އޭނާ ވަކިކުރީ މިއަހަރުގެ މާޗު މަހުގެ ތިން ވަނަ ދުވަހު އެވެ.
އެއާއެކު ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރި ކަމަށް ބުނެ މިފްކޯއާ ދެކޮޅަށް ޓްރައިބިއުނަލަށް މައްސަލައެއް އޭނާ ހުށަހެޅީ މާރިޗު މަހުގެ 17 ވަނަ ދުވަހު އެވެ.
އެ މައްސަލައިގައި ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކިކުރީ އެއްބަސްވުމުގައި ބުނާ ތިން މަސް ދުވަހުގެ ނޯޓިސް ނުދީ ކަމަށްވާތީ އެ ތިން މަހުގެ މުސާރައަށްވާ 42،000 ޑޮލަރު ހޯދައިދޭން އެދޭކަމަށެވެ.
މިއާއެކު މިފްކޯއިން ވަނީ އެ ވަޒީފާއަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ވަޒީފާއެއްތޯއާއި، އަދި އެ ވަޒީފާއިން ވަކިކުރުމުން އެ މައްސަލަ ބެލުމުގެ އިހްތިސާސް، ވަޒީފާއާ ވެހޭ ޓްރައިބިއުނަލަށް ލިބިގެންވޭތޯ ސުވާލުއުފައްދައިފައެވެ.
އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ މައްސަލަ ބާތިލުކުރަން މިފްކޯއިން އެދުނު ނަމަވެސް ޓްރައިބިއުނަލުން ވަނީ އެމައްސަލައި ބަލައިގަނެ އެ މައްސަލައާމެދު ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް ނިންމައި، އެ މައްސަލައަށް މައުޟޫއީ ގޮތުން ޖަވާބުދާރީވުމަށް މިފްކޯއިން އަންގާފަ އެވެ.
މިފްކޯގެ ސީއީއޯގެ އިތުރުންވެސް ސަރުކާރުން އުފެއްދި, ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ކުރީގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް ވެސް ވަނީ ހަމަ މިފަދަ މައްސަލައެއް ޓްރައިބިއުނަލަށް ހުށަހަޅައިފަ އެވެ.