އިންޑިއާގެ ލަކްޝަދީބުގައި އޮންނަ މަލިކުގެ ސްކޫލްތަކުގައި ދިވެހި ބަހާއި އަރަބި ބަސް ކިޔަވައިދިނުން ހުއްޓާލަން ލަކްޝަދީބު ސަރުކާރުން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރަން ފަށައިފި އެވެ.
ސޯޝަލްމީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި އެ މުޒާހަރާތަކުގައި ގިނަ އަދަދެއްގެ މަލިކު ރައްޔިތުން ބައިވެރިވެ ދިވެހި ބަހާއި އަރަބި ބަސް އަލުން މަލިކުގެ މަންހަޖުގައި ހިމަނައިދިނުމަށް ދަނީ ގޮވާލަމުންނެވެ.
ބެލެނިވެރިންނާއި ސްކޫލްތަކުގެ މެނޭޖުމެންޓުގެ އިތުރުން ޓީޗަރުންނާ ވެސް މަޝްވަރާ ނުކޮށް މަލިކުގެ ސްކޫލްތަކުގެ މަންހަޖުން ދިވެހި ބަހާއި އަރަބި ބަސް އުނިކުރީ މާޗު 29 ގައި ސްކޫލްތައް ބަންދުކޮށްފައި ވަނިކޮށެވެ.
މިކަމާ ގުޅިގެން އިންޑިއާގެ ޕާލަމެންޓްގައި މަލިކާއެކު މުޅި ލަކްޝަދީބު ތަމްސީލުކުރައްވާ އެމްޕީ، ހަމްދުއްލާ ސައީދު ވަނީ ދިވެހި ބަސް ކިޔަވައިދިނުން ހުއްޓާލުމަށް ނެރުނު އެންގުން ބާތިލުކޮށް އަލުން ދިވެހި ބަސް ހިމެނުމަށް ގޮވާލައި ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރަށް ސިޓީއެއް ވެސް ފޮނުއްވާފައި އެވެ.
އެ ސިޓީގައި ހަމްދުއްލާ ވިދާޅުވީ ވަނީ ދިވެހި ބަހާއި އަރަބި ބަހަކީ މަލިކު ރައްޔިތުންގެ ސަގާފަތާއި ނަސްލާ ގުޅިފައިވާ ކަމެއް ކަމަށާއި، ދީނާ ގުޅޭ ކަންކަން އުނގަންނައިދިނުމުގައި އަރަބި ބަސް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.
މިއާއެކު ދިވެހި ބަހަކީ އެމީހުންގެ ކާބަފައިން ވެސް އެ ބަހަކުން ވާހަކަދައްކައި އުޅުނު މަލިކުގެ އަސްލު ކަމަށްވާއިރު، އެ ބަސްތައް ސްކޫލްތަކުގެ މަންހަޖުން އުނިކުރުމަކީ އިންޑިއާގެ ގާނޫނާ ވެސް ހިލާފުކަމެއް ކަމަށް ހަމްދުއްލާ ވިދާޅުވި އެވެ.
ރާއްޖެއެކޭ އެއްފަދައިން ދިވެހި ބަހުން ވާހަކަދައްކާ މަލިކުގައި ދިވެހި ބަސް ނުވަތަ މަހަލް ބަސް ކިޔަވައިދެނީ ގްރޭޑު ހަތަރަކާ ހަމައަށެވެ.
މީގެ ކުރިން ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް މަލިކު ދިވެހިންގެ އަތުން އިންޑިއާއަށް އަބަދުގެ އަބަދަށް ގެއްލުނު ކަމަށް ތާރީހު އިލްމުވެރިން ވިދާޅުވަނީ ކޮރުބަންޑާރައިންގެ ރަސްކަމުގައި މީލާދީން 1752 ވަނަ އަހަރު އެވެ.