މިފަހަރު އަޟްހާ އީދަށް ކަލަންޑަރުގައި ކަނޑައަޅާފައިވާ ބަންދުދުވަސްތައް ފިޔަވާ އެހެން ދުވަހެއް ސަރުކާރުން ބަންދުނުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ހައްޖު ދުވަސް ދިމާވަނީ 5 ޖޫން ވާ ބުރާސްފަތި ދުވަހަށް ކަމަށް ސައުދީ އަރަބިޔާއިން ކަނޑައެޅުއްވުމާ ގުޅިގެން ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައްޖު ދުވަހާއި އަޟްހާ އީދު ދުވަހާ ގުޅިގެން ބަންދު ވާނީ ހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ކަމަށެވެ.

ހީނާ މިފަދައިން ވިދާޅުވެފައިމިވަނީ ކަލަންޑަރުގައިވާ ގޮތުން އީދާ ގުޅިގެން ބަންދު ވާނީ ޖޫން 8، އަދި ޖޫން 9، ވާ އާދިއްތަ އަދި ޖެހިގެން އަންނަ ހޯމަ ދުވަހަށް ވީނަމަވެސް އެ ހަފުތާ އެއްކޮށް ބަންދުކުރާނެ ކަމަށް ވާހަކަ ދެކެވެމުން ދިޔަ ދަނޑިވަޅެއްގަ އެވެ.

މިދިޔަ ސަރުކާރާއި މި ސަރުކާރުން ވެސް އީދު ދުވަސްތަކާ ގުޅުވައި، ކުރިން ކަނޑައަޅާފައި ނުވާ ދުވަސްތައް ބަންދުކޮށްފާއިރު، މިދިޔަ އަހަރުވެސް އަޟްހާ އީދު އަވަސްވުމާ ގުޅިގެން އީދު ބަންދު ދިގުކުރުމަށް ޖެހިގެން އައި ބުރާސްފަތި ދުވަސް ބަންދުކުރި އެވެ.

އީދު ބަންދުގެ އިތުރުންވެސް މިދިޔަ އަހަރުގެ ޖުމްހުރީ ދުވަހާ ގުޅިގެން ނޮވެމްބަރު 10 ބަންދުކުރުމާއި އާ އަހަރާ ގުޅިގެން މި އަހަރުގެ ޖެނުއަރީ 2 ބަންދުކުރުން ފަދަ ގިނަ ސަރުކާރު ބަންދު ދުވަސްތަކެއް މީގެ ކުރިންވެސް ކަނޑައަޅާފައިވެ އެވެ.