ރާއްޖޭގެ 18 ރަށެއްގައި ސިއްހީ ހިދުމަތްދޭ އިމާރާތްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަދި ފެނަކަ ކޯޕަރޭޝަނާ އެވެ. ފަހަކަށް އައިސް ސަރުކާރުން ހިންގާ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުން ހުއްޓާލައި ގިނަ މަޝްރޫއުތައް ހަވާލުކުރަނީ ސަރުކާރުގެ އެކި ކުންފުނިތަކާ އެވެ.
މިގޮތުން މިފަަހަރު އާރުޑީސީއާ ހަވާލުކޮށްފައިވަނީ ހަތަރު ރަށެއްގެ ސިއްހީ މަރުކަޒުތަކުގެ މަސައްކަތެވެ. މީގެ ތެރޭގައި ހއ. ފިއްލަދޫ، ރ. މީދޫ، މ. މުލަކު އަދި ގއ. ދާންދޫ ހިމެނެ އެވެ.
އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ފަސް ރަށެއްގެ މަސައްކަތެވެ. މީގެ ތެރޭގައި ހއ. އުލިގަމު، ހދ. ކުމުންދޫ، ރ. އިންނަމާދޫ، އދ. އޮމަދޫ އަދި ދ. ހުޅުދެލި ހިމެނެ އެވެ.
ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ އެންމެ ގިނަ ރަށްތަކުގެ މަސައްކަތެވެ. އެއީ ނުވަ ރަށެކެވެ. މީގެ ތެރޭގައި ހއ. މުރައިދޫ، ހއ. ތަކަންދޫ، ހއ. މޮޅަދޫ، ހދ. ނޭކުރެންދޫ، ރ. ކިނޮޅަސް، ރ. ފައިނު، ރ. ރަސްމާދޫ، ރ. މަޑުއްވަރީ އަދި ދ. ރިނބުދޫ ހިމެނެ އެވެ.
މި 18 ރަށުގެ އިމާރާތް އަޅަން ހަރަދުވާ ފައިސާގެ އަދަދެއް ހެލްތު މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ޝަރީފެވެ. މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ގިނަ ރަށްތަކެއްގެ ސިއްހީ ހިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.