މާލެ ސަރަހައްދުގައި ދިރިއުޅޭ 18 އަހަރުން މަތީގެ އެންމެންނަށް މިއަހަރު ތެރޭގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ޕަބްލިކް ސާވިސް މީޑިއާއަށް ދެއްވި އިންޓަވިއުއެއްގަ އެވެ. މި އިންޓަވިއުގައި ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ 18 އަހަރުން މަތީގެ އެއްވެސް މީހަކު ބޯހިޔާވިޔާވަހިކަމެއް ނެތި ނުހުންނާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މިކަމަށް އެދި ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭ ލިޔުން މި އަހަރު ނިމުމުގެ ކުރިން ދޫކުރާނެ ކަމަށެވެ. މިއީ ސަރުކާރުގެ އަމާޒު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އަޅުގަނޑުގެ ވައުދު ފުއްދުމަށް 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް މާލޭގެ ރައްޔިތުން، މާލޭގެ ރަށްވެހިން އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުރަތަމަ ގެ، ފަސްޓް ހޯމް، އެއްވެސް ބޯހިޔާވެހިކަމެއް ނެތް 18 އަހަރުން މަތީގެ ރައްޔިތުންނަށް މިދެންނެވީ މުޅި މާލެ ސަރަހައްދުން ގްރޭޓާ މާލެ އޭރިއާ ރަސްމާލެ ހިމެނޭ ގޮތަށް ގޯތި ނުވަތަ ފްލެޓް ކަށަވަރު ކޮށްދިނުމަށް ހުޅުވާލާނަން
ރައީސް ޑރ. މުހައްމަދު މުއިއްޒު

މީގެ އިތުރުން، ރާއްޖޭގެ 57 ރަށެއްގައި ހައުސިން މަޝްރޫއުތަކެއް ހިންގުމަށް އިއުލާނުކޮށްފައިވާ ކަމަށާއި، މި މަޝްރޫއުތަކުގެ ބިޑުތައް އީދު ބަންދަށްފަހު ބަލައިގަންނަން ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.