ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، މިދިޔަ އަހަރު ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ވެކްސިނާ ދެކޮޅު ޖަމްއިއްޔާ ޔޫތު މިނިސްޓްރީން އުވާލައިފި އެވެ.

ހެލްތު ޑިފެންސް މޯލްޑިވްސް ރަޖިސްޓްރީކޮށްފައި ވަނީ 27 އޮކްޓޫބަރު 2020 ގަ އެވެ.

ޔޫތު މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ޖަމްއިއްޔާ އުފެއްދުމަށް ހުއްދަދެވޭ ތާރީޚުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ޖަމްއިއްޔާއެއްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ހިންގާ ކޮމިޓީއެއް ހޮވާ އެކަން ރަޖިސްޓްރާއަށް އަންގައި ހުއްދަ ހޯދަންޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތަކީ ޖަމްއިއްޔާގެ ހިންގާ ކޮމެޓީ އެކުލަވާލުމަށްޓަކައި ދެވިފައިވާ މުއްދަތަކަށްވާތީ ޖަމްއިއްޔާގެ އިތުރު ހަރަކާތްތަކެއް އެ މުއްދަތުގައި ނުހިންގޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

ގާނޫނެއްގެ ނުވަތަ ގަވާއިދެއްގެ ދަށުން ދައުލަތުގެ މުއައްސަސާއަކަށް މަތިކޮށްފައިވާ ކަމެއް، އަދި ދިވެހި ސަރުކާރުގެ އޮފީހެއްގެ މެންޑޭޓުންގެ ތެރޭގައި ހިމެނޭ ކަމަކާ ދެކޮޅަށް ހަރަކާތްތެރިވުމަކީ އެއްވެސް ޖަމިއްޔާއަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ނަމަވެސް ހެލްތު ޑިފެންސް މޯލްޑިވްސް އިން، ހެލްތު މިނިސްޓްރީގެ މެންޑޭޓް ތެރޭގައި ހިމެނޭ އާންމު ސިއްހަތު ހިމާޔަތްކުރުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމާ ބެހޭގޮތުން މުޖުތަމައުގެ ތެރޭގައި ނުތަނަވަސްކަން ފެތުރޭ މޭރުމުން ހަރަކާތްތައް ހިންގަމުންގެންދާކަން ފާހަގަވެފައިވާ އެ އިއުލާނުގައިވެ އެވެ.

އެ އަމަލަކީ ޖަމްއިއްޔާތަކާ ބެހޭ ގާނޫނާއި، ރާއްޖޭގެ ގާނޫނުއަސާސީއާއި، ބައިނަލްއަގުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދޭ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ހައްގު ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޖަމްއިއްޔާއަކުން ކޮށްގެން ނުވާނެ ކަމެއް ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

އަދި އާންމު ސިއްހަތު ރައްކާތެރިކުރުމަށް މިހާތަނަށް އެންމެ ކާމިޔާބުކަމާއެކު ހިންގާފައިވާ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަދަ ކަންކަމާ ދެެކޮޅަށް އެ ޖަމްއިއްޔާ އިން ވަކާލާތު ކުރާކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

އެ ސަބަބާހެދި މިއަދުން ފެށިގެން އެ ޖަމްއިއްޔާގެ ރަޖިސްޓްރީ ވަނީ ބާތިލްކޮށްފަ އެވެ.