މާލެ ސަރަހައްދުން އިއްޔެ ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގްރޫޕް ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ކަރަންޓު ކެނޑުމަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް އާންމުކޮށް ހިނގާ ކަމެއް ކަމަށެވެ. އަދި މިފަދަ މައްސަލައެއްގައި ކުއްލި މައްސަލައެއް ހުށަހަޅަންޖެހޭނީ ސަރުކާރުގެ އިހުމާލެއް އޮތްނަމަ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަލާހު ފާހަގަކުރެއްވި ގޮތުގައި، އިއްޔެ ކަރަންޓު ކެނޑުނު ނަމަވެސް މުހިންމު ތަންތަނަށް ދެ ގަޑިއިރު ތެރޭގައި ކަރަންޓު ދެވުނެވެ. އަދި ފަސް ގަޑިއިރު ތެރޭގައި މުޅި މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް އަނބުރާ ދެވުނުކަން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން، މަޖިލީހުގެ ގަވާއިދުގައި ކުއްލި މައްސަލަ ހުށަހެޅޭނެ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ. އަދި މިފަދަ ހާދިސާތަކަކީ ގައުމެއްގެ، ރަށެއްގެ އަދި ގެއެއްގެ ހައިސިއްޔަތުން ވެސް ހިނގައިފާނެ ކަންކަން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ގައުމަކަށް ދިމާވާ ބޮޑު ކަމެއްގެ ސަބަބުން ލިބިދާނެ ގެއްލުމެއްގެ ސަބަބުން ލިބޭ ގެއްލުމެއްގެ ސަބަބުން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލައެއް ހުށަހެޅިދާނެ، ޝައްކެއް ނެތް ދެން މިތަނަށް ކުއްލި މައްސަލަ އައިސްފައި އޮންނާނީ، އަޅުގަނޑު ގަބޫލު ކުރާގޮތުގައި މަޖިލީހުގެ އިދާރީ ގޮތުން އެ ބައްލަވަންޖެހޭ ކަންތައްތަކެއް ބައްލަވާފައި، އެހެންނަމަވެސް އަޅުގަނޑުގެ ނަޒަރުގައި ހަގީގަތުގައި މިއަދުގެ އެ މައްސަލައަކީ ހުށަހެޅޭނެ މައްސަލައެއް ނޫން،" ފަލާހު ވިދާޅުވި އެވެ.

ގައުމަކަށް ދިމާވާ ބޮޑު ކަމެއްގެ ސަބަބުން ލިބިދާނެ ގެއްލުމެއްގެ ސަބަބުން ލިބޭ ގެއްލުމެއްގެ ސަބަބުން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލައެއް ހުށަހެޅިދާނެ، ޝައްކެއް ނެތް ދެން މިތަނަށް ކުއްލި މައްސަލަ އައިސްފައި އޮންނާނީ، އަޅުގަނޑު ގަބޫލު ކުރާގޮތުގައި މަޖިލީހުގެ އިދާރީ ގޮތުން އެ ބައްލަވަންޖެހޭ ކަންތައްތަކެއް ބައްލަވާފައި، އެހެންނަމަވެސް އަޅުގަނޑުގެ ނަޒަރުގައި ހަގީގަތުގައި މިއަދުގެ އެ މައްސަލައަކީ ހުށަހެޅޭނެ މައްސަލައެއް ނޫން
އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ފަލާހު

އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ވަނީ ޕީއެންސީ މެންބަރުންގެ ވޯޓުން ބޭރުކޮށްލާފަ އެވެ.