މިހާރުގެ ލޯބިވެރިޔާ ގައުރީ ސްޕްރައުޓްއާ ބައްދަލުވި ފަހުން މާ ޒުވާން ވެއްޖެ ކަމަށް ދޭހަވާ މޭރުމަކުން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާން ވާހަކަ ދައްކައިފި އެވެ.

އާމިރުއަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އާމިރު ބުނީ ގައުރީއާ ބައްދަލުވުމުގެ ކުރިން މުސްކުޅިވެއްޖެ ކަމުގެ އިހުސާސް ކުރެވުނު ކަމަށެވެ.

އާމިރުއާއި ގައުރީގެ ގުޅުމުގެ ވާހަކަ މީޑިއާގައި ދެކެވޭތާ ދުވަސްތަކެއް ވެފައިވާއިރު އާމިރު ވަނީ އެ ބައްދަލުވުމުގައި އެކަން އިއުލާން ކޮށްފަ އެވެ.

އާމިރު ބުނީ ގައުރީއާ ބައްދަލުވީ އޮޅުމަކުން ކަމަށާއި އެ އުމުރުގައި އަލުން ލޯބި ލިބޭނެ ކަމަށް އުއްމީދު ނުކުރި ނަމަވެސް އެކަން ހަގީގަތަކަށް ވެފައިވާ ކަމަށެވެ.

އެއާއެކު އޭނާގެ ކުރީގެ ދެ އަނބިންނާއެކު އޮންނަ ގުޅުމާ ބެހޭގޮތުން ވެސް އާމިރު ވަނީ ވާހަކަ ދައްކާފަ އެވެ. އެގޮތުން ފުރަތަމަ އަނބިމީހާ ރީނާ ދައްތާ އަދި ދެވަނަ އަނބިމީހާ ކިރަން ރާއޯއާއެކު ވެސް ރަނގަޅު ގުޅުމެއް އޮންނަ ކަމަށް އޭނާ ބުންޏެވެ.

"އެމީހުންނަކީ އަހަރެންގެ އާއިލާގެ ވަރަށް މުހިއްމު ހިއްސާއެއް. ދެމަފިރިން ނޫނަސް އަހަރުމެންގެ މެދުގައި ހާއްސަ ގުޅުމެއް އޮވޭ" އާމިރު ބުންޏެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު އާމިރު ދެން އެންމެ އަވަހަށް ފެންނާނީ މިމަހުގެ 20 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ސިތާރޭ ޒަމީން ޕަރް" އިންނެވެ.