ހައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވާ އަރަފާތު ބިމުގައި މަޑުކުރުމަށްޓަކައި ދެ މިލިއަނަށް ވުރެ ގިނަ ހައްޖާޖީން ގަދަ ހޫނުގައި ރޭ ފަތިހުން ފެށިގެން އަރަފާތުގެ މާތް ބިމަށް ޖަމާވާން ފަށައިފި އެވެ.

މިއަދު އިރު އޮއްސުމުގެ ކުރިން ކޮންމެ ހައްޖުވެރިއަކު ވެސް އަރަފާތުގައި ކިތަންމެ ކުޑަ ވަގުތުކޮޅެއް ނަމަވެސް ހޭދަކުރަން ޖެހޭނެ އެވެ. އެހެން ނޫން ނަމަ ހައްޖެއް ނުލިބޭނެ އެވެ.

މިނާއިން ހައްޖުވެރިން ބަހާއި ކާރުގައި އަރަފާތަށް ދަތުރުކުރި އިރު އެތައް ބަޔަކު ފައިމަގުގައި ވެސް ދިޔަ އެވެ. ކީރިތި ރަސޫލާގެ ހައްޖަތުލްވަދާއުގެ ވަދާއީ ޚުތުބާ ދެއްވި މާތް މަގާމުފުޅުގައި ގާއިމްކޮށްފައިވާ ނަމިރާ މިސްކިތުގައި މިއަދުގެ ހައްޖު ޚުތުބާ ދެއްވާނީ ހަރަމްފުޅުގެ އިމާމް ޝެއިޚް ޑރ. ސާލިހް ބިން އަބްދުﷲ ބިން ހުމައިދު އެވެ. ހައްޖު ޚުތުބާގެ ތަރުޖަމާ 35 ބަހަކުން ގެނެސް ދޭނެ އެވެ.

ހައްޖުވެރިއަކު މިއަދު އަރަފާތު ބިމުގައި ގުރުއާން ކިޔަވައި ދުއާކުރަނީ. މާތްވެގެންވާ އަރަފާތު ބިމަށް މިއަދު 1.5 މިލިއަނަށް ވުރެ ގިނަ މީހުން ޖަމާވި.

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ހައްޖުވެރިން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ މައްކާއާއި މިނާއާއި އަރަފާތު އަދި މުޒްދަލިފާގައި ވެސް ހޫނުގަދަ ވުމެވެ.

މިއަދު އަރަފާތު ބިމުގެ ހޫނުމިން 47-40 ޑިގްރީ ސެލްސިއަސްއާ ދެމެދު އުޅޭނެ ކަމަށް މޫސުމާ ބެހޭ އޮފިޝަލުން ލަފާކޮށްފައިވެ އެވެ. އެހެންވެ ހައްޖުވެރިން އަރަފާތުގައި އުޅޭ އިރު ކުޑަފަދަ ތަކެތި ބޭނުން ކުރުމަށާއި ގިނައިން ދިޔާ ތަކެތި ބުއިމަށް އިދާރާތަކުން ހައްޖުވެރިންނަށް އިރުޝާދު ދީފައިވެ އެވެ.

އަރަފާތު ބިމަށް ހައްޖުވެރިން އެއްވެފައި

އެއާއެކު ހޫނު ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މިއަދުގެ 10:00 ން 04:00 އަށް ހައްޖުވެރިންގެ ޓެންޓުތަކުގައި ތިބުމަށް ވެސް ސައޫދީގެ އިދާރާތަކުން އިލްތިމާސް ކޮށްފައިވެ އެވެ.

ހައްޖުވެރިން މިއަދު އަރަފާތު ބިމުގައި. މައްކާގެ ހޫނުމިން މިއަދު ހުރީ 40 ޑިގްރީއަށް ވުރެ މަތީގައި.

މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ވެސް ހޫނުގަދަ ވެގެން 10،000 އަށް ވުރެ ގިނަ މީހުންނަށް ސިއްހީ އެކި މައްސަަލަތައް ދިމާވިއިރު އެފަދަ ކަންކަމުގައި 1300 އަށްވުރެ ގިނަ މީހުން މަރުވި އެވެ. މިދިޔަ އަހަރުގެ އަރަފާތު ދުވަހު ވެސް ހޫނުމިން ވަނީ 50 ޑިގްރީ ސެލްސިއަސް އަށް އަރާފަ އެވެ.