ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި އިމާރާތްކުރަމުންދާ ސްކޫލަށް ކުދިން ވެއްދުމުގެ ފުރުސަތު އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އަންނަ ޖެނުއަރީ މަހުގައި އެ ސްކޫލްގައި ކިޔެވުން ފަށަން ނިންމާފައިވާތީ، އެ ސްކޫލަށް ދަރިވަރުން ވައްދަން ބޭނުންވާ ބެލެނިވެރިންނަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ އާ ސްކޫލުން ޖާގަ ހޯދަން ބޭނުންވާ ބެލެނިވެރިންނަށް އެޑިއުކޭޝަން މިނިސްޓްރީން ފުރުސަތު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ގްރޭޑް 1-10 އާ ހަމައަށް ކިޔަވައިދޭނެ އެ ސްކޫލުން ޖާގަ ބޭނުންވާ ކުދިންނަށް މި މަހުގެ 1 އިން 15 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ފްލެޓް ލިބިފައިވާ ފަރާތްތަކާ އެކު ދިރިއުޅޭ ދަރިވަރުން އެ ސްކޫލަށް ވައްދަން އެދޭނަމަ ހާއްސަ އިސްކަމެއްދީގެން އެކަން ފަހިކޮށްދޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ޖުމްލަ 1،500 ކުދިންގެ ޖާގައިގެ އެ ސްކޫލްގައި 54 ކްލާސްރޫމް ހުންނާނެއެވެ.
މުޅި ރާއްޖޭގައި ވެސް އެންމެ ހަލުވިކޮށް އާބާދީ އިތުރުވަމުންދާ ހުޅުމާލެ 2 ގައި މިހާރު އިމާރާތް ކުރަމުން އަންނަ އާ ސްކޫލުގައި އަންނަ އަހަރުގެ ޖެނުއަރީ މަހު ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ކުރިން ވަނީ ވިދާޅުވެފަ އެވެ. ޒަމާނީ ވަސީލަތްތަކާ އެކު އިމާރާތް ކުރަމުން އަންނަ އަދި އޭސީ ވެސް ކުރަން ކަނޑައަޅާފައިވާ އެ ސްކޫލް މި އަހަރުގެ ނޮވެމްބަރު މަހު ނިންމާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ ސްކޫލަށް ވަނުމަށް އެދޭ ކުދިންގެ އަދަދު ޖާގައަށްވުރެ އިތުރުނަމަ ދެ ދަންފަޅިއަކަށް ކިޔަވައިދޭގޮތަށް ބަދަލުކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މިދިޔަ ސަރުކާރުން އާރްސީސީއާ ހަވާލުކުރި އެ ސްކޫލްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސާނަވީ ތައުލީމާ ހަމައަށް ކިޔަވައިދޭން މިހާރު ހުންނަނީ އެންމެ ސްކޫލެކެވެ. އެއީ މިދިޔަ ސަރުކާރުން އިމާރާތްކޮށް ކިޔަވައިދޭން ފެށި ސަލާހުއްދީން ސްކޫލެވެ.