ދުނިޔޭގެ އެހެން ގައުމުތަކާ އަޅާކިޔާއިރު، ރާއްޖޭގެ ޖަލުތަކުގެ ފެންވަރު ރަނގަޅުކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި ބޭއްވި "ކަރެކްޝަނަލް އޮފިސާ ޓްރޭނިން ޕްރޮގްރާމް" ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނަކީ ވަރަށް ހީވާގި އަދި ޒިންމާދާރު ބައެއް ކަމަށެވެ.

ހަމަ އެހެންމެ، ކަރެކްޝަންސްގެ އޮފިސަރުންގެ މައްސަލައެއް ވަރަށް މަދުން ނޫނީ ފާހަގަ ނުކުރެވޭ ކަމަށާއި، އެކަށީގެންވާ މިންވަރަށް އޮފިސަރުން ވަޒީފާއަށް ރެކްރޫޓް ކުރެވިފައި ނުވިނަމަވެސް، އޮފިސަރުންގެ ޒިންމާ އަދާކުރުމުގައި ރަނގަޅަށް މަސައްކަތް ކުރާ މުއައްސަސާއެއްގެ ގޮތުގައި ކަރެކްޝަންސް ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން، ރާއްޖޭގެ ޖަލުތަކަކީ، ދުނިޔޭގެ އެކި ގައުމުތަކުގެ ޖަލުތަކާ އަޅާބަލާއިރު ފެންވަރު ރަނގަޅު ޖަލުތަކެއް ކަމަށް އިހުސާން ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އަލަށް 9 އޮފިސަރުން ވަޒީފާގެ ހުވާކުރި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވީ ކަރެކްޝަނަލް ސާވިސްއަށް ބޭނުންވަނީ އިލްމީ އޮފިސަރުން ކަމަށެވެ. އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރުމަށާއި، ކޮރަޕްޝަނާއި ރިޝްވަތުން ދުރުހެލިވުމަށް އާ އޮފިސަރުންނަށް ނަސޭހަތްތެރިވެވަޑައިގަތެވެ.