ބަންގްލަދޭޝް އަށް އައު ވެރިއެއް ހޮވުމަށް ބާއްވާ އިންތިހާބު އަންނަ އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ނިންމައިފި އެވެ.
މިއީ ބަންގްލަދޭޝްގައި 2024 ވަނަ އަހަރު ހިނގާދިޔަ ސިލްސިލާ މުޒާހަރާތަކަށްފަހު އެގައުމުގެ ބޮޑުވަޒީރުކަމުން ޝެއިހް ހަސީނާ ވަކިވުމަށްފަހު ބާއްވާ ފުރަތަމަ އިންތިހާބެވެ.
ހަސީނާގެ ވެރިކަން ވެއްޓުމަށްފަހު އެގައުމުގެ ވެރިކަން މިހާތަނަށް ކުރަމުން އަންނަނީ ނޮބެލް ޕްރައިޒް ހާސިލްކޮށްފައިވާ މުހައްމަދު ޔޫނުސް އެވެ.
އެހެންނަމަވެސް މިހާރު ބަންގްލަދޭޝްގައި ޔޫނުސްގެ ސަރުކާރާއި ދެކޮޅަށް ވެސް މުޒާހަރާތައް ވަނީ ފަށާފަ އެވެ. މިއީ ސަރުކާރުގެ މުއައްޒަފުން ގާނޫނާއި ހިލާފަށް ވަޒީފާއިން ވަކިކުރުމާއި މުސާރަ ނުދިނުމުގެ ސަބަބުން ކުރިއަށް ގެންދާ މުޒާހަރާތަކެކެވެ.
މި މުޒާހަރާތަކާއި ގުޅިގެން ޔޫނުސް ނެރުނު ނޫސްބަޔާޏެއްގައި ބުނީ އެގައުމުގެ އިންތިހާބު 2026 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ފުރަތަމަ ދުވަސްކޮޅު ބާއްވާނެ ކަމަށެވެ. މި އިންތިހާބާއި ގުޅޭ އިތުރު ތަފްސީލުތައް އެކަށީގެންވާ ވަގުތުތަކުގައި އެގައުމުގެ އިލެކްޝަން ކޮމިޝަނުން އިއުލާނު ކުރާނެ ކަމަށް ޔޫނުސް ވަނީ ވިދާޅުވެފަ އެވެ.
ޔޫނުސް އަކީ އެއްވެސް ޕާޓީ އަކާއި ހިއްސާވާ ފަރާތަކަށް ނުވާއިރު، މި އިންތިހާބުގައި އޭނާ ބައިވެރިވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ބަންގްލަދޭޝް ސަރުކާރުގެ މި ނިންމުމާއެކު އިދިކޮޅު ޕާޓީތަކުން، ހާއްސަކޮށް ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ވަނީ މި އިންތިހާބު މި އަހަރުގެ ޑިސެންބަރު މަހަށް އަވަސްކުރުމަށް ގޮވާލާފަ އެވެ.
މި އިންތިހާބުގައި، ބީއެންޕީގެ ލީޑަރު އަދި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާ ވާދަކުރުމުގެ ފުރުސަތު ބޮޑުއިރު، ކުރީގެ ބޮޑުވަޒީރު ހަސީނާގެ ޕާޓީ ގެ ރެޖިސްޓްރޭޝަން އެގައުމުގެ އިލެކްޝަން ކޮމިޝަނުން ސަސްޕެންޑް ކުރުމާއި ގުޅިގެން ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ އެވެ.