ނަށާ ގްރޫޕެއް ކަމަށްވާ "ހިޔަލަ" އިން އީދަށް ހާއްސަކޮށް ނެރުނު "އީދު ބޯމަތިވަނީ"، ހުއްދަ ނުހޯދާ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ބްރޯޑްކާސްޓްކުރުމުން ގާނޫނީ ފިޔަވަޅު އަޅަން ނިންމައިފި އެވެ.

މީގެ 3 ދުވަސް ކުރިން އެ ގްރޫޕުން ރިލީޒް ކުރި މި ލަވަ އަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މިހާތަނަށް ޔޫޓިއުބުން އެކަނިވެސް މި ލަވަ އަށް ވަނީ 86،000 ވިއު ލިބިފަ އެވެ.

މި ލަވަ ޕީއެސްއެމުގެ އީދު ކަވަރޭޖް ތެރޭ ދެއްކީ އެއީ އެ މީޑިއާ އަށް ލިބުނު ހަދިޔާއެއް ކަމަށް ބުނެ އެވެ. އެހެންނަމަވެސް ހިޔަލަ ގްރޫޕުން ވަނީ މިކަމާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ.

މިގޮތުން ޕީއެސްއެމުން މި ލަވަ ދެއްކި މަންޒަރުގެ ވީޑިއޯ ކްލިޕެއް ހިއްސާކުރަމުން ހިޔަލަ ގްރޫޕްގެ ފޭސްބުކު ޕޭޖުގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ އެމީހުން ހުއްދަ އަކާ ނުލާ އެލަވަ ބްރޯޑްކާސްޓް ކުރަން ޕީއެސްއެމުން ނިންމުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ.

ޕީއެސްއެމް ހިމެނޭހެން އެއްވެސް ޓީވީ ޗެނަލަކަށް މި ލަވަ ދެއްކުމުގެ ހުއްދަ ދީފައިނުވާއިރު، އެ ގުރޫޕްގެ އުފެއްދުމެއް ހުއްދަ ނުލައި ބޭނުން ކުރުމުން އެއީ ހައްގަށް އަރައިގަތުންކަމަށް ސިފަކޮށް އެ ގްރޫޕުން ވަނީ އެއީ ވަރަށް އަންޕްރޮފެޝަނަލް ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

https://www.facebook.com/share/v/1ETruKeY1X/

އެއާއެކު މި މައްސަލަ އެ ގުރޫޕުން ވަރަށް ސީރިއަސްކޮށް ނަގާނެ ކަމަށާއި މިކަމުގައި ގާނޫނީ ފިޔަވަޅު އަޅަން ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް ހިޔަލަ ގްރޫޕުން ވަނީ ބުނެފަ އެވެ.

ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނުގައިވާ ގޮތުން އުފެއްދުމެއް ބްރޯޑްކާސްޓް ކުރުމަކީ އެ އުފެއްދުމެއް އުފެއްދި މީހާއަށް ނޫނީ އޭގެ ވެރިފަރާތުގެ އިގުތިސޯދީ ހައްގެކެވެ. ތިންވަނަ ފަރާތަކަށް އެ ބޭނުން ކުރެވޭނީ ވެރިފަރާތުގެ ހުއްދަ އޮވެގެންނެވެ.