އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކަރަންޓީނު ނުވެ ރަށްރަށް ދަތުރު ކުރުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުއްވި އެންގުމުގައި ވަނީ ޚާއްސަ އުސޫލޫތަކަކަށް އަމަލުކުރުން ލާޒިމްކޮށް ވޯޓު ލުމަށް އެމީހަކު ރަޖިސްޓްރީ ކޮށްފައިވާ ރަށަކަށް ކަރަންޓީނު ނުވާ ގޮތަށް ދަތުރު ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

އެފަދަ ދަތުރުތައް ކުރެވޭނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް އެ އެންގުމުގައިވެ އެވެ.

ދަތުރުކުރާއިރު އަމަލު ކުރަންޖެހޭ އުސޫލުތައް

  • ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ހިމެނޭގޮތަށް ވޯޓުލާ ސަރަޙައްދު ފިޔަވައި ރަށުގެ އާންމު އެހެން ތަންތަނަށް ނުދިޔުން
  • ހުރުމާއި ކެއުމުގެ އިންތިޒާމު، އެހެން މީހުންނާ ވަކިން ހަމަޖެހިފައި ހުރުން
  • މީހުންނާ ބައްދަލު ނުކުރުމާއި، ގޭގެއަށް ޒިޔާރަތް ނުކުރުން
  • ވޯޓުލުމަށްފަހު، ގިނަވެގެން 48 ގަޑިއިރުގެ ތޭރޭގައި އެ މީހަކު އައި ރަށަކަށް އެނބުރި ދިޔުން
  • ރަށުގައި ކަރަންޓީނު ވެފައިވާ ނުވަތަ އެކަހެރިވެފައިވާ ފަރާތްތައް ވޯޓުލުމަށް ކަނޑައަޅާ ވަގުތުގައި ނުވަތަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އެހެން ވަގުތެއްގައި ވޯޓުލުން
  • ދަތުރު ފެށުމުގެ ކުރިން، ވޯޓުލާ ރަށުގެ ކަމާބެހޭ އިދާރާތަކަށް، ދަތުރު ކުރާ ތާރީޚާއި، ރަށުގައި މަޑުކުރާނެ މުއްދަތާއި،ރަށުގައި ހުންނާނެ ތަން އެންގުން
  • ކޮވިޑް -19 ގެ ހާލަތުގައި ރައްކައުތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިޔަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގައިވާ ގޮތުގެ މަތީން ވޯޓުލުމުގައި އަމަލުކުރުން