ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ، ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރުކަމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ނުގެންގޮސް އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
ގާނޫނުއަސާސީ އަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލް ކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިން ހުށަހެޅުއްވި މައްސަލާގެ އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ ފެބްރުއަރީ މަހު އެވެ. އޭރު އަޑުއެހުން ނިންމާލީ ދައުލަތަށް ޖަވާބުދާރީވާން 10 ދުވަސް ދިނުމަށްފަހު އެވެ.
އެ މައްސަލާގައި ގޮނޑި ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރަން ވަގުތީ އަމުރެއް ނެރުމަށް އަލީ ހުސައިންގެ ފަރާތުން އެދުމުން އެކަމާ މެދު ގޮތެއް ނިންމަން ފެބްރުއަރީ މަހުގެ ފަހުކޮޅު އަޑުއެހުމެއް ތާވަލްކުރި އެވެ.
ނަމަވެސް އަޑުއެހުން އޮތް ދުވަހު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސަސްޕެންޑްކުރުމުން އެ އަޑުއެހުން ކެންސަލްކުރި އެވެ.
އޭގެފަހުން ތިން މަހަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެ މައްސަލާގެ އަޑުއެހުމެއް ނުބާއްވަ އެވެ.
ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރެއިން ސުއޫދު އިސްތިއުފާ ދެއްވުމުން އެ މަގާމަށް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރި އެވެ. އަދި އަޒްމިރަލްދާ އާއި މަހާޒް މަގާމުން ވަކިކުރުމުން ހުސްވި ދެ މަގާމު މިވަގުތު އޮތީ ހުސްކޮށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމުން ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ.