ވައިގެ މަގުން ރާއްޖެ އަށް އެތެރެކުރަން އުޅުނު 18 ކިލޯގެ ޑްރަގް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
މިއާއެކު ކަސްޓަމްސް އިން ކުރި ޕޯސްޓެއްގައި ބުނީ މި ތަކެތި އަތުލައިގެންފައި ވަނީ ކަސްޓަމްސްއިން ރޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ކަމަށެވެ.
މި އޮޕަރޭޝަންގައި އަތުލައިގެންފައި ވަނީ ކެނަބިނޮއިޑްސް ކިޔާ ބާވަތެއްގެ މަސްތުވާތަކެތި ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ. ކަސްޓަމްސް އިން ބުނިގޮތުގައި މި ތަކެތި އަތުލައިގެންފައި ވަނީ އިންޑިއާގެ ބެންގަލޫރު މަގުން ގެނަައި އެއާ ކާގޯ ޝިޕްމަންޓަކުންނެވެ.
ރޭގެ އޮޕަރޭޝަނުގެ ފޮޓޯތަކުން ހާމަވާ ގޮތުގައި ޕްލާސްޓިކް ގަސް ފަދަ ތަކެތީގެ ޕޮޓާއި އޭގެ ބައިތަކުގެތެރޭގައި ފޮރުވައިފައިވާ މި ތަކެތި ހުރީ ގާތްގަނޑަކަށް 30 އަށް ވުރެ ގިނަ ޕެކެޓްގައި ވަކިވަކިން ބަންދުކޮށްފަ އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިތަކެތީގެ މަގުމަތީގެ އަގަކީ ގާތްގަނޑަކަށް 26 މިލިއަން ރުފިޔާ ކަމަށެވެ.
މިނިސްޓަރު ވަނީ ރާއްޖޭގެ ބޯޑަރު ފުރިހަމައަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ގާނޫނު ދަނީ އަރާހަމަ ކުރަމުންދާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.