ހުކުރު ދުވަހުން ފެށިގެން ހައްޖުގެ މަތިވެރި އަޅުކަމަށް ސައުދީ އަރަބިޔާއަށް ދިޔަ ދިވެހި ހައްޖުވެރިން ރާއްޖެއަށް އަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ބުނީ ދިވެހި ހައްޖުވެރިން މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަން ފަށާނެކަމަށާއި، ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓެއްގައި ކަމަށެވެ.

ސައުދީ އަރަބިޔާގެ ފްލައިޓެއްގައި މިމަހުގެ 13 ވަނަ ދުވަހު ހައްޖާޖީންގެ ފުރަތަމަ ގްރޫޕް ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާއިރު، މި ފްލައިޓުގައި ދަތުރުކުރާ ހައްޖުވެރިން މިހާރު ވަނީ މަދީނާއަށް ފުރާފަ އެވެ.

ހައްޖުވެރިންގެ ދެވަނަ ގްރޫޕް 14 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ވައިޑްބޮޑީ އެއަރބަސް އޭ330 މަރުކާގެ ބޯޓުގަ އެވެ.

އޭގެ ފަހުން 16 ޖޫން ވާ ހޯމަ ދުވަހު ދިވެހި ހައްޖުވެރިންގެ ތިންވަނަ ގްރޫޕް ރާއްޖެއައުމަށް ހަމަޖެހިފައިވަނީ ސައުދީގެ ފްލައިޓުގައެވެ. އަދި ދިވެހި ހައްޖުވެރިން ގޮވައިގެން ރާއްޖެ އަންނަ އެންމެފަހު ފްލައިޓް އަންނާނީ 17 ޖޫން ވާ އަންގާރަ ދުވަހުއެވެ. އެއީ މޯލްޑިވިއަންގެ ފްލައިޓެކެވެ.

މިއަހަރުވެސް ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއަށް ލިބިފައިވަނީ 1000 ހައްޖު ކޯޓާއެވެ. މީގެ ތެރޭގައި ސަރުކާރުގެ އެހީގައި ހައްޖަށް ގެންދިޔަ، އަމިއްލައަށް ހައްޖަށް ދިއުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 50 މީހުންވެސް ހިމެނޭއިރު، މި ހުރިހާ ކޯޓާއެއްވެސް ދޫކޮށްފައިވަނީ، ހައްޖު ކޯޕަރޭޝަނަށް އެކަންޏެވެ.

މިއަހަރު މައްކާރޫޓު އިނީޝިއޭޓިވްއާއި، ހައްޖާޖީންނަށް ފޯރުކޮށްދޭ ހިދުމަތުގެ ކެޓަގަރީ މަތިކުރުން ފަދަ ހިދުމަތްތައް ތައާރަފްކޮށްފައިވާއިރު، މިއީ ހައްޖުވެރިންނަށް އެންމެ ފުރިހަމަ އަދި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ އަހަރުކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހައްޖުވެރިން މާދަމާ އަންނަން ފަށާއިރު، ވީހާވެސް މަދު ބަޔަކު ހައްޖުވެރިން ބަލާ އެއާޕޯޓަށް ދިޔުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ. މިގޮތުން ދެ ހަފުތާ ވަންދެން ބޮޑެތި އެއްވުންތައް ނުބޭއްވުމަށާއި، ހާއްސަކޮށް ފުރަތަމަ ހަފުތާގައި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުން ގެނެސްގެން އެއްވުންތައް ނުބޭއްވުމަށް ވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ.