ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ހުޅުވާލައިފި އެވެ.
އެ އިދާރާއިން މިއަދު ކުރި އިއުލާނުގައި ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖުލައި 3، ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ކަމަށެވެ.
ޖޭއެސްސީގައި އާންމުން ތަމްސީލުކުރާ މެންބަރެއްގެ ގޮތުގައި މިހާރު އިންނަވަނީ ޑރ. އައިމިނަތު އުއްމުލްސޫމް އެވެ.
ޖޭއެސްސީގެ މެންބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނާންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރު ވެފައިވުމާއި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.
މީގެއިތުރުން ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަނުކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހުންނަށާއި ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ވެސް އެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
އެ ކޮމިޝަނަށް އައްޔަންކުރާ މެންބަރުންނަށް ރުހުން ދިނުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ.