މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމަށް ކުރީގެ ނޫސްވެރިޔާ ޒަމްއަތު އަހުމަދު ވަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

މި މަގާމަށް ޒަމްއަތު އައްޔަނުކުރަން މަޖިލީހުން ރުހުންދީފައިވަނީ 56 މެންބަރުން ވޯޓާއެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައިނުވާއިރު، ޒަމްއަތުގެ ނަން ފާސްވެފައިވާތީ، ބާކީ ދެ ނަމަށް ވޯޓަކަށް ނާހަ އެވެ.

ބްރޯޑްކޮމްގެ މެންބަރުކަން ހުސްވެފައިވަނީ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާ (އަނާ) ގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވައިލުމުން ހަ ބޭފުޅަކު ކުރިމަތިލެއްވިއިރު،އެ ހަ ބޭފުޅުންނާ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިންޓަވިއުކޮށް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނީ ތިން ބޭފުޅަކަށެވެ.

އެއީ، ވީނިއުސްގައި ކުރިން މަސައްކަތްކުރި ނޫސްވެރިޔާ ޒަމްއަތު އަހުމަދު ވަހީދު އަށް 89 ޕަސެންޓް، ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު އަށް 85 ޕަސެންޓް އަދި އޭއޯ ނިއުސްގެ ފައުންޑާ ޝިމްލާ އަހުމަދަށް 77 ޕަސެންޓެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް މަޖިލީހުން ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު އައްޔަން ކޮށްފައިވާއިރު، ކޮމިޓީން އެންމެ ގިނަ މާކްސް ޒީނާ އަށް ދިން ނަމަވެސް މަޖިލީހުން ފާސްކުރީ ޓީވީ ޕްރެޒެންޓަރު މޫސާ ރިލްވާން އައްޔަންކުރާށެވެ.

އެފަހަރު ޒަމްއަތަށް ލިބުނީ 77.50 ޕަސެންޓް އެވެ.