މަޝްހޫރު ވިޔަފާރިވެރިޔާ ސަންޖޭ ކަޕޫރުގެ ކުއްލި މަރާއެކު އޭނާގެ ހަތަރު ބިލިއަން ޑޮލަރުގެ އަގުހުރި ވިޔަފާރި ހިންގާނެ މީހަކާމެދު ސުވާލު އުފެދިއްޖެ އެވެ.
ސަންޖޭގެ ވިޔަފާރި ސޯނާ ކޮމްސްޓާއަކީ އިންޑިއާގެ އޮޓޯމޮޓިވް ވިޔަފާރިއެކެވެ. އެއީ އޮޓޯމޯޓިވް ސިނާއަތުގައި އެންމެ ފާހަގަކޮށްލެވޭ އެއް ވިޔަފާރި ވެސް މެ އެވެ.
ސަންޖޭއަށް ދެ ކައިވެންޏަކުން ތިން ދަރިން ލިބިފައިވާއިރު، އެއިން އެއްވެސް ދަރިއަކު ކުންފުނީގެ ހިންގުމާ ހަވާލުވާނެ ކަމަކަށް ނުބެލެވެ އެވެ.
އެހެންވެ އެ ކުންފުނި ދެން ކުރިއަށް ގެންދާނީ ސަންޖޭގެ އެއްބަނޑު އެއްބަފާ ދައްތައިން ކަމަށް އިންޑިއާގެ ބައެއް ހަބަރުތަކުން ބުނެފައިވެ އެވެ.
ސޯނާ ކޮމްސްޓާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަންޖޭ ނެތް ނަމަވެސް އެ ކުންފުނީގެ ކަސްޓަމަރުންނާއި ޕާޓްނަރުންނަށް ލިބެމުން އަންނަ ހިދުމަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
ސަންޖޭގެ އަމިއްލަ މިލްކިއްޔާތަށް ބަލާއިރު އޭނާގެ މިލްކިއްޔާތުން ކޮންމެ މަހަކު 10 ލައްކަ ރުޕީސް ދޮށީ ދެ ދަރިންނަށް ލިބޭއިރު އޭނާގެ އާއިލީ ގެ ދީފައިވަނީ ކުރީގެ އަންހެނުން ކަރިސްމާ ކަޕޫރަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސަންޖޭ މަރުވެފައި ވަނީ އިނގިރޭސި ވިލާތުގެ ލަންޑަންގައި ޕޯލޯ ކުޅެމުން ދަނިކޮށް ކުޅަނދުރެއް ހަފައިގެން ޖެހުނު ހާޓްއެޓޭކަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.