އިންޑިއާގެ އިމްތިހާނު ކަރުދާސްތައް ލީކުވި މައްސަލައިގައި ގައުމީ ފެންވަރުގައި ކުރިއަށްދިޔަ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވައިފި އެވެ. މިއީ އިމްތިހާނުތަކުގެ އިތުބާރު ގެއްލުމުގެ ޒިންމާ މިނިސްޓަރު އުފުއްލަވަންޖެހޭނެ ކަމަށް ބުނެ އަޑުއުފުލަމުންދިޔަ ޒުވާނުންނަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
މިނިސްޓަރު ޕްރަދާން އިސްތިއުފާ ދެއްވިކަން ހޮނިހިރު ދުވަހު އިއުލާނުކުރެއްވީ އެކްސް މެދުވެރިކޮށެވެ. އޭނާ މިކަން އިއުލާނުކުރެއްވި ވަގުތަކީ، މުޒާހަރާގެ އިސްވެރިން ސަރުކާރުގެ ވަޒީރުންނާ ބައްދަލުކުރުމަށް ހަމަޖެހިފައި އޮތް ވަގުތާ ދިމާކޮށް، ނިއުދިއްލީގައި މުޒާހަރާ ކުރަމުންދިޔަ މީހުން ރޫޅާލުމަށް ފުލުހުން ކަރުނަގޭސް ޖަހަމުންދިޔަ ވަގުތެވެ.
އިސްތިއުފާ ދެއްވުމަށްފަހު ޕްރަދާން ވިދާޅުވީ، މުޅި ގައުމުގައި މިހާރު އުފެދިފައިވާ ހަލަބޮލިކަމުގެ ނާޖާއިޒު ފައިދާ ގައުމާ ދެކޮޅު ބާރުތަކުން ނެގިޔަ ނުދިނުމަށްޓަކައި، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އިސްތިއުފާގެ ސިޓީ ފޮނުއްވާފައިވާ ކަމަށެވެ. އަދި ގައުމުގެ ޒުވާނުންގެ އިހުސާސްތަކާއި އުންމީދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. މީގެއިތުރުން، ކިޔަވާ ކުދިން އެކުދިންގެ މުސްތަގުބަލު ބިނާކުރުމުގެ ބަދަލުގައި ގާނޫނީ އޮޅުންބޮޅުންތަކެއްގެ ތެރެއަށް ވަންނަން ޖެހުމަކީ އޭނާ އެދޭ ގޮތެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
މި މުޒާހަރާތައް އިސްވެ ހިންގި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ބާނީ އަބީޖީތު ދިޕްކޭ ވިދާޅުވީ، މިއީ ޑިމޮކްރަސީއަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. މިނިސްޓަރު އިސްތިއުފާ ދެއްވުމާއެކު އިންޑިއާގެ އެކި ސިޓީތަކުގައި ދަނީ އުފާފާޅުކުރަމުންނެވެ.
ނަމަވެސް، ސީޖޭޕީ އިން ބުނާގޮތުގައި އެމީހުންގެ އިތުރު ތިން ހުށަހެޅުމެއް އަދިވެސް އެބައޮތެވެ. އެއީ އިމްތިހާނުގެ މައްސަލައާ ގުޅިގެން އަމިއްލައަށް މަރުވި ކުދިންގެ އާއިލާތަކަށް އެއްކްރޯޑު ރުޕީސްގެ ބަދަލެއް ދިނުމާއި، މުޒާހަރާގެ ބައިވެރިންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމުގެ އިތުރުން، މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރި މައްސަލައިގައި ފުލުހުން ރަސްމީކޮށް މާފަށް އެދުމެވެ.
މިދިޔަ ހޯމަ ދުވަހު ޕާލަމެންޓާ ދިމާލަށް މުޒާހަރާގެ ބައިވެރިން ހިނގާލުން ބޭއްވި ވަގުތު ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، ގިނަ އަދަދެއްގެ ކުދިން ޒަހަމްކޮށްލާފަ އެވެ. މިކަމާ ގުޅިގެން އާންމުންގެ މެދުގައި އޮތް ނުރުހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި މޯދީގެ ސަރުކާރުން ވަނީ އިމްތިހާނު ކަރުދާސް ލީކުވާ މައްސަލަތައް ބެލުމަށް ހާއްސަ ކޯޓުތަކެއް އުފައްދައި، ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ ގާނޫނުތަކެއް ގެންނާނެ ކަމަށް ވައުދުވެފަ އެވެ. މި މުޒާހަރާތަކަކީ ފަހުގެ ތާރީހެއްގައި އިންޑިއާ ސަރުކާރާ ދެކޮޅަށް ރައްޔިތުން ނުކުތް އެންމެ ވަރުގަދަ އެއް ހަރަކާތެވެ. މިއީ ގައުމުގައި ވަޒީފާ މަދުވުމާއި، ކޮރަޕްޝަން އިތުރުވުމާ ގުޅިގެން ރައްޔިތުންގެ މެދުގައި އޮތް ބޮޑު ކަންބޮޑުވުން ހާމަވެގެންދިޔަ ކަމެކެވެ.
ކުޑަކޮށް ހިނގާލިޔަސް ނޭވާ ކުރު ވޭތަ؟ ހިތުގެ ބައްޔަކަށް ވެދާނެ!
މުލޫ ނެޝަނަލް ޕާކް: ބޯނިއޯގެ ޖަންގަލިތަކާއި ހޮހޮޅަތަކުގެ ސިއްރު!
ތ. އަތޮޅުގައި 175 މިލިއަން ޑޮލަރުގެ ޓައުންޝިޕް މަޝްރޫއެއް