މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ސްރީލަންކާގެ ބައެއް ކޮލެޖުތަކާ މެދު ދިވެހި ދަރިވަރުންނަށް އިންޒާރު ދީފި އެވެ.

އެމްކިޔުއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްރީލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަން (ޓިވެކް) އިން ބައެއް މަތީ ތައުލީމުދޭ މަރުކަޒުތައް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

މީގެ ތެރޭގައި މެޓްރޯޕޮލިޓަން ކޮލެޖާއި އީސޮފްޓްގެ ހުރިހާ ކެމްޕަސްތައް ހިމެނެ އެވެ.

އެމްކިޔުއޭއިން އިލްތިމާސްކޮށްފައިވަނީ މި މަރުކަޒުތަކުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން ވީ އެންމެ އަވަހަކަށް އެ އޮތޯރިޓީއަށް އީމެއިލް ކުރުމަށެވެ. އަދި މި މަރުކަޒުތަކުގައި އަލަށް އެންރޯލްވުމަށް ގަސްދުކުރާ ދަރިވަރުން އެކަން ނުކުރުމަށް ވެސް އެދިފައިވެ އެވެ.

އެމްކިޔުއޭއިން އިތުރަށް ފާހަގަކޮށްފައިވަނީ ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ކުރިން "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ހޯދުމުގެ މުހިންމުކަމެވެ. މި ލިޔުން ނުހޯދާ ކިޔަވަން ދިއުމުން، ފަހުން ސަނަދު ވެލިޑޭޓް ކުރުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމަށް އެ އޮތޯރިޓީން ވަނީ އިންޒާރު ދީފަ އެވެ.