ސިވިލް ކޯޓުން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ގިނަ އަދަދެއްގެ ފައިސާ ދެއްކުމަށް ހުކުމްކޮށްފި އެވެ.
ހުޅުމާލޭގެ ރައްޔިތެއްގެ އަތުން ބައްސާމް ނަގާފައިވާ ފައިސާ އަނބުރާ ނުދިނުމުގެ ސަބަބުން އުފުލުނު މި ދައުވާގައި، ބައްސާމް ކޯޓަށް ހާޒިރުނުވި ނަމަވެސް ހުކުމް ކުރެވުނެވެ.
ގާޒީ ފައިސަލް އާދަމް ކުރެއްވި މި ހުކުމުގައި، ބައްސާމް އަދީލް ޖަލީލް ޖުމްލަ 314،714 ރުފިޔާ ދައްކަންޖެހޭ ކަމަށް ކަނޑައަޅުއްވާފައިވެ އެވެ.
މި ފައިސާގެ ތެރޭގައި ހިމެނެނީ އަނބުރާ ނުދައްކާ އޮތް 269،714 ރުފިޔާގެ އިތުރުން އެހެނިހެން ހަރަދުތަކެވެ. އަދި މި ފައިސާ ދެއްކުމަށް ކޯޓުން ވަނީ ބައްސާމުގެ މައްޗަށް މުހުލަތެއް ކަނޑައަޅާފަ އެވެ. ކޯޓުން ކަނޑައަޅާފައިވާ މުއްދަތަކީ 18 ޖޫން 2025 އިން ފެށިގެން 7 ދުވަހެވެ.
މި މައްސަލައިގެ އިތުރުން، ބައްސާމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިޔާނާތުގެ އެތައް މައްސަލައެއް ހިނގަމުންދާކަން ފާހަގަކުރެވެ އެވެ. އަދި ހިޔާނާތުގެ ފައިސާއިން ހޯދާފައިވާ ކަމަށް ބެލެވޭ މުދަލެއް ދައުލަތަށް ނެގުމަށްވެސް އެދިފައިވެ އެވެ.