ދާހިއްލުމަކީ އިންސާނާގެ ހަށިގަނޑުގައި ތަބީއީ ގޮތުން ލައްވާފައިވާ ކަމެކެވެ. އެހެން ނަމަވެސް ދާހިއްލުން މާ ގިނަވެ ހަށިގަނޑުގެ އެކި ގުނަވަންތަކުން ނުބައި ވަސް ދުވުމަކީ އާއްމު ކަމަކަށް ނުވެދާނެ އެވެ. ހާއްސަކޮށް ކިހިލިފަތްދޮށުން ވަސް ދުވުމަކީ ލަދުވެތި ކަމެކެވެ.

އެހެން ކަމުން ކިހިލިފަތްދޮށުން ދުވާ ނުބައި ވަހުން ސަލާމަތްވުމަކީ އާއްމު ދިރިއުޅުމުގައި ވަރަށް މުހިއްމު ކަމެކެވެ. އެ ކަމަށްޓަކައި ކުރެވިދާނެ ގިނަ ކަންތައްތަކެއް ވެސް އެބަހުއްޓެވެ.

އެންޓިޕާސްޕިރަންޓެއް ބޭނުން ކުރުން

ކިހިލިފަތްދޮށުން ނުބައިވަސް ދުވުމަށް މެދުވެރިވަނީ ދާހިއްލުމުގެ ސަބަބުން ކަމަށް ވާތީ އެންޓިޕާސްޕިރަންޓް އެއް ބޭނުންކުރުމުން ކިހިލިފަތްދޮށުން ދުވާ ނުބައި ވަސް ކޮންޓްރޯލު ކުރެވޭނެ އެވެ. އެންޓިޕާސްޕިރަންޓް ބޭނުން ކުރުމުން ކިހިލިފަތްދޮށުގައި ދާ އުފައްދައިދޭ ގްލޭންޑްތައް ވަގުތީ ގޮތުން ބަންދުކޮށް ދާހިއްލުން މަދުކޮށްލަ އެވެ. އަދި ޑިއޯޑޮރަންޓް ބޭނުން ކުރުމުން ކިހިލިފަތްދޮށުގައި ނުބައި ވަސް ދުވާ ޖަރާސީމުތަތައް މަދުކޮށް، ނުބައި ވަސް ކަނޑުވާދެ އެވެ.

އަތްދަށުގައި ހުންނަ އިސްތަށި ބޭލުން

ކިހިލިފަތްދޮށުން އުފެދޭ އިސްތަށިތައް ބޭލުން ނުވަތަ އުފުރުމަކީ ވެސް ކިހިލިފަތްދޮށުން ދޮވާ ނުބައި ވަސް ކަނޑުވަދޭނެ ކަމެކެވެ. ސަބަބަކީ ދާހިއްލުމުން، ދާތައް ކިހިލިފަތްދޮށުގައި ފަޅާފައި ހުންނަ އިސްތަށިތަކުގައި ހަރުލާފައި ހުރުމުން އިތުރަށް ޖަރާސީމު އުފެދި ނުބައި ވަސް ދުވުމަށް މެދުވެރިވާތީ އެވެ. އެހެންކަމުން ކިހިލިފަތްދޮށުން އަބަދުވެސް އިސްތަށި ބާލާފައި ހުރުމުން ނުބައި ވަސް ދުވުމާއި، ދާހިތްލުމުން ދުރުކޮށްދޭނެ އެވެ.

ފަސޭހަ އަންނައުނު ބޭނުން ކުރުން

ގުދުރަތީ "ފައިބާ އިން ފަހާފައި ހުންނަ އަންނައުނު ނުވަތަ ހެދުން ލުމަކީ ވެސް ކިހިލިފަތްދޮށުން ނުބައި ވަސް ދުވުން ހުއްޓުމަށް އެހީވެދޭނެ ކަމެކެވެ. އެ ގޮތުން ކޮޓަން، ވޫލް އަދި ސިލްކް ފޮތިން ފަހާފާ ހުންނަ ހެދުން ލާން އާދަކުރާށެވެ. މިފަދަ ފޮތީގެ ހެދުން ލުމުން ހަށިގަނޑު ބޮޑަށް ބަންދުވުން ދުރުކޮށްދީ ދާތައް އަވަހަށް އާތްވަށް އަރަން އެހީވެދެ އެވެ.

ކުޅި ކެއުންތައް މަދުކުރުން

ކައިބޮއެ އުޅޭ ތަކެތީގެ ސަބަބުން ވެސް ކިހިލިފަތްދޮށުން ނުބައި ވަސް ދުވުމަށް މެދުވެރިވެ އެވެ. ހާއްސަކޮށް ކުޅި އެއްޗެހި ކެއުމުން ކިހިލިފަތްދޮށުން ނުބައި ވަސް ދުވުން އިތުރުވާތީ އެ ފަދަ ބާވަތްތަކުން ދުރުވެ ހުރުމަކީ ބުއްދިވެރި ކަމެކެވެ.