އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ކޮށްފާނެ އަސަރުތަކަށް ރާއްޖެއިން ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ދުރާލައި އަޅަންޖެހޭ ފިޔަވަޅުތަކާ ދޭތެރޭ ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ހާމަކުރުމަށް ގަރާރެއް ހުށަހަޅައިފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލު އަހްމަދު ނަސީމު ހުށަހެޅުއްވި މި ގަރާރުގައި ބުނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ އެ ސަރަހައްދުގެ އިތުރު ގައުމުތަކަށް ފެތުރި، އެތަކެއް ދުވަސްތަކަކަށް ދިގުދެމިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ރާއްޖެއަކީ ތެލާއި ކާބޯތަކެއްޗާއި ބޭހާއި އެ ނޫން ވެސް ޒަރޫރީ ހުރިހާ ތަކެއްޗެއް އިމްޕޯޓުކޮށްގެން ބޭނުންކުރާ ގައުމަކަށް ވުމުގެ އިތުރުން، ގައުމުގެ އިގުތިސޯދުގެ އެންމެ ބޮޑު ސިނާއަތަކީ އަދި ބޭރު ފައިސާ ހޯދައިދޭ މައިގަނޑު ވަސީލަތަކީ ޓޫރިޒަމް ކަމަށާއި، ހަނގުރާމައިގެ ސަބަބުން އަދި ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް ބުރޫއެރުމުގެ ސަބަބުން އެންމެ ފުރަތަމަ އަސަރުކުރާ ސިނާއަތަކީ ޓޫރިޒަމް ކަމަށް ގަރާރުގައިވަނީ ބުނެފަ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އުފުލައިދޭ ގަތަރު އެއާވޭޒް އާއި އެމިރޭޓްސް އެއާލައިނަކީ މެދުއިރުމަތީގެ ގައުމުތަކަށް ނިސްބަތްވާ އެއާލައިންތަައްކަން ފާހަގަކުރައްވަމުން މީކާއިލް ވިދާޅުވީ އެ ދެ އެއާލައިނަކީ ދޯހާ އާއި ދުބާއީ ފަދަ މަންޒިލުތަކުން ޓްރާންސިޓް މަގުން ދުނިޔޭގެ ސިޓީތަކަށް ދަތުރުކުރާ އެއާލައިންތަކެއްކަމަށާއި، ހަނގުރާމަ ދިގުލައިގެންދާ ނަމަ ރާއްޖެއަށް ކުރާ ދަތުރުތައް މަޑުޖެހި، ޓޫރިސްޓުން އައުން މަދުވެދާނެ ކަމަށެވެ.

އެފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ ދައުލަތުގެ އާމްދަނީ ދަށްވުމާއި ބޭރު ފައިސާ ލިބުން ދަށްވެ ދަތި ހާލަތެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އަސާސީ ހިދުމަތްތަކަށް ބޭނުންވާ ތަކެތި މެދުނުކެނޑި އެތެރެކުރެވޭނެކަން ކަށަވަރު ކުރުމާ އެކު، އެފަދަ ތަކެތި ހުސްނުވެ އާންމުންނަށް ލިބެން ހުންނާނެ ގޮތް ކަށަވަރު ކުރުމަށް ފިޔަވަޅުތައް އެޅުމަކީ ލާޒިމު ކަމެއްކަން އެ ގަރާރުގައި މީކާއީލް ވަނީ ފާހަގަކުރައްވާފަ އެވެ.

މި ގަރާރު ހުށަހެޅީ މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭގޮތް ހާމަކުރުމަށް ކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ.