ސިފައިންގެ ލޭންޑިން ކްރާފްޓެއް ކ. ކާށިދޫ ކަނޑަށް ބަންޑުން ޖަހާލައި އެކަކު މަރުވެ، އިތުރު މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި، ސިފައިންގެ ކުންފުންޏެއް ކަމަށްވާ ސިވެކްގެ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑުން ދަތުރުކުރަމުން ދަނިކޮށް، ބަންޑުން ޖަހާލާފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ދެންމެ ބުނީ ޅ. އަތޮޅަށް ދަތުރުކުރަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ސިވެކްގެ ލޭންޑިން ކްރާފްޓުން ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ޑައިވަރުން ހޯދާފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިން ކްރާފްޓުން ފަސް މީހުން ދަތުރުކުރި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ސިފައިންނާއި ބަންގްލަދޭޝް ދެ މީހުން ކަމަށެވެ. އަދި އެ އުޅަނދު، މިއަދު ހެނދުނު 10:30 ހާއިރު ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފުން ކަނޑުމަގުންނާއި ވައިގެނމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

އެ އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނު ކަމުގެ މަޢުލޫމާތު ލިބިގެން، އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވޮރަންޓް އޮފިސަރު 2 އަލީ ހާމިދު ވަނީ ހޯދާފަ އެވެ. އޭނާ ފެނިގެން، ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނި ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

މި ހާދިސާގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.