ފައިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކުރި ސާމްޕަލްތަކުން އިތުރު 132 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 56 މީހަކު ޕޮޒިޓިވްވިއިރު، 54 މީހަކު ވަނީ އަތޮޅު ތެރެއިން ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓްތަކުން 22 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ 132 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 25,436 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 3,048 ގައި މިހާރު ހުރިއިރު 22,276 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

ކޮވިޑްގެ އަދަދުތައް މާލެ ސަރަހައްދުގައި މަދުވަމުން މިދަނީ މާލޭގެ ސާމްޕަލްތައް ޓެކްސްޓު ކުރުން މަދުވުމުންނެވެ. ސަބަބަކީ އަތޮޅު ތެރެއިން ގިނަ އަދަދެއްގެ ސާމްޕަލްތައް ކޮންމެ ދުވަހަކު ވެސް ޓެސްޓް ކުރަން ޖެހިފައިވާތީ އެވެ. މާލެ ފިޔަވައި މިހާރު ކޮވިޑް އެންމެ ބޮޑަށް ފެތުރިފައި ވަނީ ޅ. ފެލިވަރާއި ޅ. ނައިފަރުގެ އިތުރުން ކ. ތުލުސްދޫގަ އެވެ. އެ ރަށްތަކުން 100 އަށް ވުރެ ގިނަ ކޭސް މިހާތަނަށް ފެނިފައިވެ އެވެ.