ފެޝަންގެ ދާއިރާއަކީ އަބަދުވެސް ބަދަލުވަމުން އަންނަ ދާއިރާ އެކެވެ. އެންމެ ފަހުގެ ފެޝަން ޓްރެންޑްތަކުގައި އެކި ކަންކަމުގެ އަސަރުތައް އެކުލެވޭއިރު ބައެއް ގައުމުތަކުގެ ނުފޫޒު ވެސް ފެޝަން ޓްރެންޑްތަކުގައި ހިމެނެ އެވެ.
ފަހަކަށް އައިސް ފެޝަންގެ ދުނިޔޭގައި އިންޑިއާގެ ނުފޫޒު ގަދަވަމުން އަންނަކަން މިވަނީ ފާހަގަ ކުރެވިފަ އެވެ. މަޝްހޫރު ފެޝަން ބްރޭންޑްތަކުގެ އުފެއްދުންތަކާއި ފެޝަން ޝޯތަކުގެ ރަންވޭތަކުން އިންޑިއާގެ ރަހަތައް ފެނުން ވަނީ އިތުރުވެފަ އެވެ.
ދާދި ފަހުން ޕެރިސްގެ ޕޮޕްޕިޑޫ ސެންޓަރުގައި ބޭއްވި ފެޝަަން އިވެންޓެއްގައި މަޝްހޫރު ބްރޭންޑް ލުއިވިޓޯން އިން ވަނީ އިންޑިއާގެ ރަހަތައް އެކުލެވޭ މެންސް ކަލެކްޝަނެއް ދައްކާލާފަ އެވެ.
އަތުން ވިޔެފައިވާ ޖެކެޓުތަކާއި ގޮޅިޖެހި ނުވަތަ ރޮނގުދެމި ފަޓުލޫނު ފަދަ ހެދުންތައް ފެނިގެންދިޔަ އެ ކަލެކްޝަނުގެ "އިންސްޕިރޭޝަން" އަކީ އިންޑިއާ ފިރިހެނުންގެ ހެދުން އެޅުމުގެ ސްޓައިލް ކަމަށްވެ އެވެ.
އެއާއެކު ހައި އެންޑް ބްރޭންޑް ޕްރާޑާ އިން ވެސް މިވަނީ އިންޑިއާގެ ރަހަތައް ހިމަނައިގެން އެ ކުންފުނީގެ އުފެއްދުންތަކަށް ބޮޅެއް އިތުރު ކޮށްފަ އެވެ.
އިންޑިއާގައި ޒަމާނުއްސުރެ މަޝްހޫރު ކޯޅާޕޫރީ ޗައްޕަލް ފެޝަންގެ ދުނިޔެއަށް ތައާރަފްކޮށް ބްރޭންޑަޑް އުފެއްދުމެއްގެ ގޮތުގައި އެ ފައިވާނުގެ އަގު މިހާރު ވަނީ އިންތިހާއަށް އުފުލިފަ އެވެ.
ފައިގެ ބޮޑު އިނގިލި ވަކިން ވައްދާލެވޭ ގޮތަށް ލެދާ މެޓީރިއަލް ބޭނުން ކޮށްގެން އަތުން ތައްޔާރު ކުރެވޭ މި ފައިވާން ވަނީ ޕްރާޑާގެ އެންމެ ފަހުގެ ޝޯގައި ބޭނުންކޮށްފަ އެވެ.
މި ނޫނަސް ތަފާތު އެކި ފެޝަން އިވެންޓްތަކުގައި އިންޑިއާ ފެޝަންގެ ރަހަތައް ފެންނައިރު މިހާރަކަށް އައިސް ފެޝަން ޑިޒައިނަރުންނަށް އިންޑިއާގެ ސްޓައިލް ވެފައި ވަނީ ތަފާތު އަދި އެމީހުންގެ އަތްމަތީ ސްޓައިލްއަކަށެވެ.
ކުރިން ވެސް ދެންނެވި ފަދައިން ފެޝަންއަކީ އަބަދު އެއްގޮތަކަށް ހުންނަ ކަމަކަށް ނުވާއިރު އިސާހިތަކު އިންޑިއާގެ ނުފޫޒު ވެސް ފަނޑުވެ އެހެން ގައުމެއް ފެޝަނަށް އަތްގަދަ ކޮށްފާނެ އެވެ.