ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުން އަންނަ ގަތުލުއާއްމު 60 ދުވަހަށް މެދުކަނޑާލަން ޔަހޫދީން އެއްބަސްވެފައިވާކަމަށާއި، މިފަދައިން ހަމާސް ވެސް ހަނގުރާމަ މެދުކަނޑާލަން އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގައިފި އެވެ.
ޓްރަމްޕާއި އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ބޮޑޫވަޒީރު ބެންޖަމިން ނަތަންޔާހޫ ބައްދަލުވުމަށް ތައްޔާރީތައް ވަމުންދާ ދަނޑިވަޅެއްގައި ޓްރަމްޕް މިފަދައިން ވިދާޅުވިއިރު، އޭނާ އަންނަނީ ޔަހޫދީންނާއި ހަމާސުން ވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ހަމައަށް ގެނައުމަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރަމުންނެވެ.
އެމެރިކާ ތަމްސީލު ކުރާ ފަރާތްތަކުން އިޒްރޭލުގެ ފަރާތްތަކާ ބައްދަލުކޮށް، އިޒްރޭލުން 60 ދުވަހަށް ގަތުލުއާއްމު މެދުކަނޑާލުމަށް އެއްބަސްވެފައިވާކަން ގަތަރާއި މިސްރުން ހަމާސަށް ފޯރުކޮށްދޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މިއާއެކު ހަމާސުން އެ އެއްބަސްވުން ގަބޫލުކުރުމަށް ގޮވާލައި، ޓްރަމްޕް ވަނީ އެފަދައިން އަމަލުނުކޮށްފިނަމަ މެދު އިރުމަތީގެ މަޝްރަހު ވަރަށް ގޯސްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޣައްޒާގައި 2023 ވަނަ އަހަރުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުން އަންނަ ލާއިންސާނީ ގަތުލުއާއްމުގެ ސަބަބުން މިހާތަނަށް 56،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.