އ.ދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެއިން ހޭދަކޮށްފައި ވަނީ ކާމިޔާބީން ފުރިފައިވާ، ފަޚުރުވެރި އަހަރުތަކެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އ.ދ.ގެ މެންބަރަކަށްވިތާ 55 އަހަރު ފުރޭ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައި ވިދާޅުވި ގޮތުގައި، އ.ދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ މިވަނީ ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. މިގޮތުން، ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖެއިން ވަނީ އިގްތިސާދީ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ހޯދައި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ފަތުރުވެރިކަމުގެ ސިނާއަތެއް ގާއިމުކޮށް ކުރިއަރުވާފައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަކީ ދުނިޔޭގެ ކުރިއަރާފައިވާ އެހެން ޤައުމުތަކާއި އެއް ސަފެއްގައި ފައިތިލަ ސާބިތުކުރަމުންދާ ގައުމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖެއަކީ ކުދި އަދި ޖަޒީރާ ގައުމުތަކަށް ބަލާއިރު ބައިނަލްއަގުވާމީ މައިދާނުގައި އެންމެ ހަރަކާތްތެރިކޮށް މަސައްކަތް ކުރަމުންދާ އެއް ގައުމު ކަމަށެވެ. އަދި ރާއްޖެއަކީ މޫސުމީ ބަދަލުތަކާއި ކޮވިޑް-19ގެ ބަލިމަޑުކަން ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރާ ގައުމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، އދގެ މެންބަރު ގައުމެއްގެ ގޮތުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއިން އަބަދުމެ ހިފަމުންދާކަން ފާހަގަކުރައްވައި، ރައީސް ވަނީ އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ރާއްޖެއިން ހޭދަކޮށްފައިވާ ދެ ދައުރަށް އަލިއަޅުއްވައިލައްވާފަ އެވެ.

ރާއްޖެއިން އދގެ މެންބަރަކަށްވިތާ 55 އަހަރު ފުރޭ މި މުނާސަބާ ފާހަގަކުރަމުން މިދަނީ އެ ޖަމިއްޔާއަށް ވެސް 75 އަހަރު ފުރޭ މުނާސަބަތާއި އެކުއެކީގައިކަން ފާހަގަކުރައްވައި ރައީސް ވަނީ، އެ ޖަމުޢިއްޔާގެ ޗާޓަރަށް ރާއްޖެއިން އިޙުތިރާމުކޮށް އެ ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި، ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް އޮތް ހައްލަކީ ބައިނަލްއަގުވާމީ މައިދާނުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާކުރުން ކަމުގައި ވެސް އެ މަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވި އެވެ.

ރާއްޖެއިން އދގެ މެންބަރު ގައުމެއްގެ ގޮތުގައި ހޭދަކޮށްފައިވާ ދިގު ތާރީޚަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ އިންޑިއާ ކަނޑުގައި އޮތް ކުޑަ އާބާދީއެއްގެ ގައުމަކަށް އެ ޖަމިއްޔާގެ މެންބަރެއްގެ ގޮތުގައި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކުރެވޭނެ ކަމާމެދު ބައިނަލްއަގުވާމީ މުޖުތަމައުގައި އެއިރު ސުވާލުތަކެއް ހުރި ކަމަށެވެ. ނަމަވެސް، އެ ޖަމިއްޔާގެ މެންބަރު ގައުމެއްގެ މަގާމު ރާއްޖެއަށް ލިބިގެންދިއުމަކީ ދިވެހިރާއްޖެއިން އަބަދުމެ ޝުކުރުވެރިވާނެ ނިންމުމެއް ކަމުގައި ވެސް އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވި އެވެ.