ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވޯޓުލާ ބައެއް މަރުކަޒު ދޮށަށް ވަޑައިގަތުމުގެ ތެރެއިން ކަލާފާނު ސްކޫލުގައިި ހުރި ވޯޓުލާ މަރުކަޒަށް ވަޑައިގެންނެވުމުން އެތަނުގައި ތިބި ވޯޓުލާ މީހުންގެ ނުރުހުމުގެ ބަސްތަކާ ނަޝީދު ކުރިމަތިލަން ޖެހިވަޑައިގެންފި އެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ވޯޓުލާން ގޮސްތިބި އަންހެނުންތަކެއް ވަނީ ނަޝީދު ވަށާލައިގެން އެމަނިކުފާނުގެ އަމަލުތައް ހުންނަވާ ގޮތުގެ ވާހަކަ ދައްކައިފަ އެވެ

އެތަނުން ވާހަކަ ދެއްކި އެއް މީހަކު ނަޝީދަށް އަމާޒުކޮށް ބުނީ، "ތިމަންނާމެންގެ ސަރުކާރޭ ކިޔައިފައި ބޭނުން ހުރިހާ ކަމެއް ނުކުރެވޭނެ" ކަމަށެވެ. ނަޝީދު ރައްޔިތުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދެއްވާ ކަމަށް ވެސް އެ މީހާ ބުންޏެވެ.

ފަސް ވަރަކަށް އަންހެންވެރިން ނަޝީދު ވަށާލައިގެން ތިބެ ނުރުހުމުގެ ބަސްތަށް އަމާޒުކުރުމުގެ ތެރެއިން އެކަކު ނަޝީދަށް އަމާޒުކޮށް "ބުނީ މިހިރީ ކެންޑިޑޭޓޭ، އަތުން އަތަށް ހަދިޔާ ބަދަލުކުރުމަކީ ގޯހެކޭ" ކަމަށެވެ.

ކަލާފާނު ސްކޫލަށް ނަޝީދު ވަޑައިގަތީ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުއާއެކު އެވެ.

ނުރުހުމުގެ ބަސްތަށް އަމާޒުވާން ފެށުމުން ޒުވާބު ނުކުރުމަށް ވެސް ނަޝީދު އެދިވަޑައިގަތެވެ. ނަމަވެސް އެތަނުގައި ތިބި އަންހެނުންތައް ދިޔައީ ދޫނުކޮށް ނުރުހުމުގެ ބަސްތައް ބުނަމުންނެވެ.

ނަޝީދު ވޯޓުލާ މަރުކަޒުތަކަށް ވަޑައިގަންނަވަނީ ކެމްޕެއިން ކުރައްވަން ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.