ސަރުކާރާ ބެހޭގޮތުން އިދިކޮޅު އެމްޑީޕީ އަށް ހުށަހެޅޭނެ ހަގީގީ ނުބައި މައްސަލައެއް ނެތް ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ އިދިކޮޅު އެމްޑީޕީން ރަނގަޅު މައްސަލައެއް މަޖިލީހަށް ހުށައަޅައިފި ކަމުގައިވާނަމަ މަޖިލިހަށް އެމައްސަލައެއް ބަލައިގަންނާނެކަމަށެވެ.

އެހެންނަމަވެސް ސަރުކާރާ ބެހޭ ގޮތުން ހަގީގީ ނުބައި މައްސަލައެއް އެމްޑީޕީ އަށް ހުށަހެޅެން ނެތުމުން މިހާރު ހުށަހަޅަނީ އެބޭފުޅުން ލައްވާ އެމްޑީޕީ ސަރުކާރާ ދިމާލަށް އެއްޗެހި ކިޔުއްވަން ހުށަހަޅާ މައްސަލަތަކެއް ކަމަށެވެ.

"ދެން ނާންނާނެ. އެމްޑީޕީއަކަށް ނޯންނާނެ ސަރުކާރާ ބެހޭގޮތުން ހަގީގީ ނުބައި މައްސަލައެއް ހުށަހެޅޭކަށް. މިހާރު މި އަންނަނީ އެމްޑީޕީއަށް މައްސަލަ ހުސްވެގެން އައިސް، އެމްޑީޕީ ސަރުކާރާ ދިމާލަށް އަޅުގަނޑުމެން ލައްވާ އެއްޗެހި ކިޔުއްވަން ހުށައަޅާ މައްސަލަތަކެއް،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވިގޮތުގައި އެމްޑީޕީ ހަތަރު ފަސް ބަޔަށް ބެހިފައި އޮތުމުން އޭގެ ތެރެއިން ކޮންމެވެސް އެއްބަޔަކު އަނެއް ބަޔަކަށް އެއްޗެހި ކިޔުއްވަން ވެގެން ކުރާ މިކަމުގެ ބޭނުމަކީ އެބޭފުޅުން ލައްވާ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދިމާލަށް އެއްޗެހި ކިޔުއްވުން ކަމަށެވެ.