ފަނޑިޔާރުންނާއި، ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންގެ އިތުރުން އެބޭފުޅުންގެ ޑިޕެންޑެންޓުންނާއި މައިންބަފައިންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކުރުމުން ގިނަ ބަޔަކު ފާޑުކިޔަން ފަށައިފި އެވެ.
މިހާރުގެ ފަނޑިޔާރުންނާއި، ކުރީގެ ފަނޑިޔާރުންގެ ހިމެނޭހެން އެބޭފުޅުންގެ ޑިޕެންޑެންޓުންނާއި މައިންބަފައިންނަށް ހެލްތު އިންޝުއަރެންސް ހަމަޖައްސައިދޭނެ ބަޔަކު ހޯދަން އިއުލާންކުރުމުން ސޯޝަލް މީޑިއާގައި އާއްމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ބައެއް މީހުން ބުނެފައި ވަނީ އާއްމުންނަށް ބޭސްފިހާރައަކުން ބޭސްގުޅައެއް އާސަންދައިން ގަނެދެވޭނެ ގޮތެއް ނެތިގެން އުޅޭއިރު ދައުލަތުން ބޮޑު މުސާރަ އާއި އިނާޔަތްތަކެއް ލިބޭ ބައެއްގެ މުޅި އާއިލާއަށް އިންޝުއަރެންސް ހަމަޖައްސައިދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. އަދި އެކަން ހުއްޓުވައިދިނުމަށް ސަރުކާރަށް ވެސް ގޮވާލާފައިވެ އެވެ.
ފަނޑިޔާރުންނާއި، ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނަށް އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލާފައި ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެދުމަށް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ތިން އަހަރުގެ މުއްދަތަށް ފޯރުކޮށްދޭ މި ހިދުމަތް ދިނުމަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިންނެވެ.
ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ. މި ފައިސާ މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް ބަނޑޭރި ޕޭ މެދުވެރިކޮށް ބަލައިގަންނާނެ އެވެ.
މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 170,550ރ. ހުށަހަޅަންޖެހޭއިރު، ބީލަން ޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 10 ވަނަ ދުވަހުގެ 10:00 އެވެ.