ހައްވާ ޔުމްނާ ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ކުރި މުޒާހަރާތަކުގައި އިސްކޮށް އުޅުނު ޒުވާނުންކަމަށްވާ އައިޝަތު ޝިމަން އަހުމަދާއި އަބްދުﷲ މަހްޒޫމް މާޖިދުގެ މައްޗަށް ދައުވާކޮށްފައިވަނީ ސިޔާސީ ބޭނުމަކަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެ، އެކަން ކުށްވެރި ކުރައްވައިފި އެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހ. މިޓާޒް ގޭގެ ފުރާޅުމަތިން ވެއްޓުނު ޔުމްނާ މައްސަލައިގައި އިންސާފަށް ގޮވާލައި ޒުވާނުން ކުރި ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ޝިމަންއާއި މަހްޒޫމް ތިން ދުވަހަށް ހައްޔަރުކުރި އެވެ. ނަމަވެސް، ބަންދު މުއްދަތު ހަމަނުވަނީސް ފުލުހުން އެދެމީހުން ދޫކޮށްލާފައިވެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން (ޕީޖީ) މިދިޔަ މަހުގެ 25 ވަނަ ދުވަހު ވަނީ މިދެމީހުންގެ މައްޗަށް ކްރިމިނަލް ކޯޓަށް ދައުވާ ހުށަހަޅާފަ އެވެ. ޕީޖީން ބުނީ ދައުވާކުރީ، ނަސޭހަތުގެ އެއްބަސްވުމެއް ހަދަން އެދުމުން އެކަމަށް ދެކޮޅު ހަދާފައިވާތީ ކަމަށެވެ. މަހްޒޫމްގެ މައްޗަށް ދައުވާކޮށްފައިވަނީ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. އެއީ، މިދިޔަ މެއި އެއްވަނަ ދުވަހުގެ ރޭ މުޒާހަރާ ކުރަމުންދަނިކޮށް، ފުލުހުން އަޑުގަދަކުރާ ނެގި ވަގުތު މަހުޒޫމް ފުލުހެއްގެ މޭމަތީގައި އަތްއަޅައި ކޮއްޕާލާފައިވާތީ ކަމަށް ޕީޖީން ބުންޏެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ބަންދުކުރުމެވެ.
ޝިމަންގެ މައްޗަށް ދައުވާކޮށްފައިވަނީ ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އެއީ، މެއި އެއްވަނަ ދުވަހުގެ ރޭ މުޒާހަރާ ކުރި ސަރަޙައްދުގައި އަޑުގަދަކުރާއެއް ބޭނުންކޮށްގެން އަޑުގަދަކުރަމުންދާތީ ފުލުހުން އަޑުގަދަކުރާ ނެގިވަގުތު، އޭނާ ފުލުހުންގެ ސަފު ރޫޅާލުމަށްފަހު، ފުލުހުންގެ ތެރެއަށް ގަދަކަމުން ވަދެ ފުލުހުންގެ މަސައްކަތަށް ގަސްތުގައި ހުރަސްއަޅާފައިވާތީ ކަމަށް ޕީޖީން ބުންޏެވެ. މި ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ބަންދުކުރުމެވެ.
މި މައްސަލައިގައި ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޒުވާނުންތަކެއް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އިހުތިޖާޖުކުރުމުގެ ހައްގު ބޭނުންކުރުމުގެ ސަބަބުން ޖިނާއީ ނިޒާމުގެ ތެރެއަށް އަނިޔާވެރިކަމާއެކު ވައްޓައިލުމަކީ ތާކުންތާކުނުޖެހޭ ކަމެއް ކަމަށެވެ. އެއީ ސިޔާސީ މަގުސަދުތަކަށްޓަކައި ކުރާ ދައުވާތަކެއް ކަމުގައި ސިފަކުރައްވައި، އެފަދަ ޝަރީއަތްތައް ތަކުރާރުވާތީ ހިތާމަ ފާޅުކުރައްވާފައިވެ އެވެ.
ޔުމްނާގެ މައްސަލަ ބެލި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ޔުމްނާ ވެއްޓުނީ ކަމަށް ނުބެލެވޭ ކަމަށާއި އެކަމުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށް ބުނެފަ އެވެ. އެ މައްސަލައިގައި އަށް މީހެއްގެ ޕާސްޕޯޓު ހިފެހެއްޓި ނަމަވެސް، ހައްޔަރުކޮށް ދައުވާކޮށްފައިވަނީ ޔުމްނާ އާއެކު އެންމެ ފަހުން އުޅުނު ރައުދް އަހުމަދު ޒިލާލްގެ މައްޗަށް އެކަންޏެވެ.
ރައުދް ހައްޔަރުކުރީ ހާދިސާ ހިނގިތާ ހަފުތާއެއްހާ ދުވަސް ފަހުން އޭޕްރީލް 24ގަ އެވެ. އޭނާގެ ބަންދު އިތުރުކުރަމުން ދަނިކޮށް، މިދިޔަ މަހުގެ 26ގައި، ޕީޖީ އޮފީހުގެ އިރުޝާދުގެ ދަށުން އޭނާ ދޫކޮށްލާފައިވެ އެވެ. ޕީޖީން ބުނީ އޭނާ ދޫކޮށްލީ އޭނާއަށް ކުރާ ދައުވާގެ އަދަބަށްވުރެ ބަންދު އިތުރުވުމުން ކަމަށެވެ. ރައުދުގެ މައްޗަށް އުފުލީ، އެހީތެރިކަން ބޭނުންވެފައިވާ މީހަކަށް އެހީނުވުމުގެ ކުށުގެ ދައުވާ އެވެ.
އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ޔުމްނާގެ ހައްގުގައި ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި ޒުވާނުން ތަކުރާރުކޮށް ބުނަމުން ދިޔައީ އެ މައްސަލައިގެ ތަހުގީގަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ނުފޫޒު ފޯރުވާ ކަމަށާއި ފުލުހުންނަށް އިތުބާރު ނުކުރެވޭ ކަމަށެވެ.