ވިލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްއާއެކު ރާއްޖޭގައި އަލަށް ބޭނުންކުރަން ފަށާ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރާނެ މުވައްޒަފުން ތަމްރީނުކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ފަސިންޖަރު ބޯޑިން ބްރިޖަކީ ރައްކާތެރިކަމާއެކު މަތިންދާބޯޓުން ޓާމިނަލްއަށް ފޭބުމަށް ގުޅާލެވޭ ބްރިޖެއް ކަމަށާއި، މި ބްރިޖުގެ ސަބަބުން ޓާމިނަލުން މަތިންދާބޯޓަށް އަދި މަތިންދާބޯޓުން ޓާމިނަލަށް ދިއުމަށް ބަސް ބޭނުންނުކޮށް މަތިންދާބޯޓުން ސީދާ ޓާމިނަލަށް ފޭބޭނެ އެވެ. އަދި މިއީ އާ ޓާމިނަލްއާއެކު ރާއްޖޭގައި އަލަށް ބޭނުންކުރަން ފަށާ ހިދުމަތެއް ކަން އެމްއޭސީއެލުން ފާހަގަކުރެ އެވެ.

އެމްއޭސީއެލުން ބުނީ މި ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރަން މިހާތަނަށް 46 މުވައްޒަފުން ތަމްރީނު ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 14 މުވައްޒަފުން ތަމްރީން ކޮށްފައި ވަނީ މެލޭޝިއާއަށް ފޮނުވައިގެން ކަމަށެވެ.

މި ތަމްރީނުތަކުގެ ބޭނުމަކީ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓްކުރާ މުވައްޒަފުން އިންޑަސްޓްރީގެ މިންގަނޑުތަކާއި ބެސްޓް ޕްރެކްޓިސްތަކަށް އަހުލުވެރިކޮށް، ބޯޑިން ބްރިޖުތައް ސަލާމަތްތެރިކަމާއެކު އޮޕަރޭޓް ކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުން ކަން ފާހަގަކޮށް އެމްއޭސީއެލުން ބުނީ މި ތަމްރީނުތަކުގައި ބައިވެރިވި މުވައްޒަފުން، ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރުމުގެ ކުރިން އޭގެ ސިމިއުލޭޓާ އެކްސަސައިޒްތަކެއް ވެސް ހަދާފައިވާ ކަމަށެވެ.

މެލޭޝިއާއަށް ފޮނުވައިގެން ތަމްރީނު ހެދި މުވައްޒަފުން މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި ފަސިންޖަރު ބޯޑިން ބްރިޖަށް އޮޕަރޭޓް ކުރާނެ އިތުރު މުވައްޒަފުން ތަމްރީނު ކުރުމަށް އެމްއޭސީއެލުން އަމާޒު ހިފާފައިވާއިރު، އާ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖުލައު 26 ވަނަ ދުވަހު އެވެ.