"ޕްރޮސެސްޑް" އެއްގަމު މަހުގެ ކިތަންމެ ކުޑަ މިންވަރަކުން ވެސް އިންސާނާގެ ސިއްހަތަށް ގެއްލުންވާ ކަމަށް ދާދި ފަހުން ހެދި ދިރާސާއަކުން ހާމަވެއްޖެ އެވެ.

އެ ދިރާސާ ކުރުމުގައި ހަރަކާތްތެރިވި ސައިންސްވެރިން ވިދާޅުވީ "ޕްރޮސެސްޑް" އެއްގަމު މަސް ކާން ރައްކާތެރި ވަކި މިންވަރެއް ނެތް ކަމަށާއި ކިތަންމެ ކުޑަ މިންވަރަކުން ވެސް ގެއްލުންތަކަށް ހުށައެޅޭ ކަމަށެވެ.

އެގޮތުން ގަވާއިދުން އެފަދަ މަސް ކާ މީހުން ހިތުގެ ބަލިތަކާއި ޑައިބެޓީސް ޓައިޕް 2 އަދި ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް ހުށައެޅުމުގެ ފުރުސަތު ބޮޑު ކަމަށް އެ ދިރާސާގައިވެ އެވެ.

"ޕްރޮސެސްޑް އެއްގަމު މަހާއި ހަކުރު ގިނަ ބުއިންތައް ގަވާއިދުން ބޭނުންކުރުމާއި ހަކުރު ބަލި، ހިތުގެ ބަލި އަދި ކެންސަރާ ވަރަށް ބޮޑު ގުޅުމެއްވޭ" އެ ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޑރ. ޑެމޮވޮޒް ހެއިލް ވިދާޅުވި އެވެ.

އެހެން ކަމުން ކޮންމެ ދުވަހަކު އެއް ސޮސެޖް ހޮޓްޑޯގް ކާ މީހުން ވެސް އެފަދަ ބަލިތަކަށް ހުށައެޅުމުގެ ފުރުސަތު 11 ޕަސެންޓް ބޮޑު ކަމަށް އެ ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ސޮސެޖް، ބޭކަން އަދި ސަލާމީ ފަދަ އެއްގަމު މަސްތަކުން ބަލިތަކަށް މަގުފަހި ކުރުވަނީ އެތެރެ ހަށީގައި އިންފްލެމޭޝަން އުފެދިގެންނެވެ.

އެހެން ކަމުން ކެއިންބުއިމުގައި މިފަދަ ބާވަތްތައް ވީހާވެސް މަދުކޮށް ސިއްހަތު ރަނގަޅު ބާވަތްތައް ކެއުމުގައި ހިމެނުމަށް ސައިންސްވެރިން ލަފާދެ އެވެ.