ގައުމީ އެއާލައިން މޯލްޑިވިއަން އިން މި މަހު ފަހުކޮޅު އުމްރާ ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.

ހައްޖު މޫސުމުގައި އެ ކުންފުނިން ކުރި ދަތުރުތަކާއި ގުޅިގެން ގިނަ އަދަދެއްގެ އުމްރާ ކުންފުނިތަކަކުން އުމްރާ ދަތުރުކޮށްދޭން އެދެމުންދާކަމަށް މޯލްޑިވިއަނުން ބުނެފައިވާއިރު، އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، މޯލްޑިވިއަނުން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިމަހުގެ ފަހުކޮޅު އުމްރާ ދަތުރުތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށާއި، މުޅި އަހަރަށް ބަހާލައިގެން މިއަހަރުގެ ތެރޭގައި އުމްރާ ދަތުރު ކުރާނެކަމަށެވެ.

މިގޮތުން މިމަހު ފަހު ހަފްތާގައި މި ދަތުރުތައް ފަށާނެ ކަމަށް އިޔާސް ވިދާޅުވި އެވެ.

"މިމަހު ފަހުކޮޅު އަލަށް އުމްރާގެ ދަތުރުކުރުމަށް ވަނީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ މިމަހު ފަހު ހަފްތާގައި އަޅުގަނޑުމެން ފްލައިޓްސްތަކެއް އެބަ އަޅަން އުމްރާއަށް އަދި މިއަހަރުގެ އެކި މުއްދަތުތަކުގެ ތެރޭގައިވެސް އުމްރާ ދަތުރުތައް ކުރަމުންދާނަން،" އިޔާސް ވިދާޅުވި އެވެ.

މޯލްޑިވިއަނުން ހާމަކުރި ގޮތުގައި އެ އެއާލައިންގެ ވައިޑްބޮޑީ މަތިންދާބޯޓުގައި އުމްރާ ދަތުރުތައް ކުރުމަށް އަދި ހަމަޖެހިފައިވަނީ ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ކުންފުންޏަކަށެވެ. އަދި ހައްޖު ކޯޕަރޭޝަނަށް ކޮށްދޭ އުމްރާ ދަތުރުތައް އޮންނާނީ މިމަހުގެ 22 ވަނަ ދުވަހާއި 27 ވަނަ ދުވަހު އެވެ.

މޯލްޑިވިއަނުން އުމްރާ ދަތުރުތައް ފަށަން ހަމަޖެހިފައިވާކަން އިއުލާނުކޮށްފައިވާއިރު، އެ އެއާލައިނުން މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖާޖީން ގެންދިއުމަށް ސައުދީއަށް 2 ދަތުރުކޮށްފަ އެވެ.