ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވާ ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް އެކައުންޓް އަންބްކޮކްކޮށްފި އެވެ.
ހަސަން ކުރުސީގެ އެކްސް އެކައުންޓް ބްލޮކްކުރީ ދިވެހި ފުލުހުންގެ ހިދުމަތުން ފޮނުވި ދޮގު ރިޕޯޓެއްގެ މައްޗަށް ބިނާކޮށެވެ.
ފުލުހުން އެކްސްއަށް ފޮނުވި ރިޕޯޓްގައި ވަނީ ހަސަން ކުރުސީގެ އެކައުންޓަކީ ޓެރަރިޒަމަށް ހިތްވަރުދޭ އެކައުންޓެއް ކަމަށެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއްކަން އެ އެކައުންޓްގެ ހުރިހާ ފޮލޯވަރުން ހެކިވާނެ އެވެ.
ހަސަން ކުރުސީގެ އެކައުންޓް ބްލޮކް ކޮށްލުމުގެ ކުރިން އެންމެފަހު ޕޯސްޓެއްގެ ގޮތުގައި އޭނާ ކޮށްފައި ވަނީ ސްޓެލްކޯ އިން ހިންގާ ކޮރަޕްޝަންގެ މައްސަލައެއްގެ ވާހަކައެވެ. ސްޓެލްކޯއަށް ޖަނެރޭޓަރުތަކުގެ ސްޕެއާ ޕާޓްސް ގަތުމުގައި އެތަނުގެ ޖެނެރަލް މެނޭޖަރުންތަކެއްގެ ހިއްސާ އޮންނަ ކުންފުންޏެއް ހަދައިގެން އެ ކުންފުނިން ސްޓެލްކޯއަށް ސްޕެއާ ޕާޓްސް ސަޕްލައިކޮށް، ހިންގާ ކޮރަޕްޝަންގެ ތަފްސީލު އެ ޕޯސްޓްގައި ހިއްސާކޮށްފައިވެ އެވެ.
އެ ވާހަކަ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. ސޯޝަލް މީޑިއާގައި އެތައް ބަޔަކު އެކަން ކުށްވެރިކޮށް އެ ވާހަކަ ދެއްކި އެވެ. ނަމަވެސް އެވަރުގެ ޖަރީމާއެއް ހިންގިކަން ރައީސް ޑރ. މުހައްމަދު މުއިއްޒަކަށް ރޭކާވެސް ނުލިބެ އެވެ. ރައީސް މުއިއްޒުގެ ފުލް ކޮންޓްރޯލް އޮންނަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް އެކަން އެނގޭ ކަމަކަށް ނުވި އެވެ.
ހަސަން ކުރުސީގެ އެކައުންޓް ބްލޮކްކުރަން ސަރުކާރުން މަސައްކަތް ކުރަނީ މިފަދަ އެތަކެއް ކޮރަޕްޝަންތަކެއް ފަޅާއަރުވާލާތީ، ރައްޔިތުންގެ މެދުގައި ރައީސް މުއިއްޒަށް އޮތް މަގްބޫލުކަން ކުޑަވަމުންދާތީއެވެ.