ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ޖުމުލަ 28 ރަށެއްގެ ރަށު ކައުންސިލު އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހުން ހޯދުމުގެ އިއުލާނު ކޮށްފި އެވެ.

މި މަގާމުތަކަކީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ހަމަޖައްސާ މަގާމުތަކެކެވެ. ސީއެސްސީން ހާމަކޮށްފައިވާ ގޮތުގައި، ސެކްރެޓަރީ ޖެނެރަލުން ހޯދަނީ ދެ ލެވެލްއަކަށެވެ. އެގޮތުން އެއް ލެވެލްގެ މުސާރަ އާއި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 16,100ރ. ލިބޭއިރު، އަނެއް ލެވެލްއަށް 15,285ރ. ގެ މުސާރަ އާއި އެގްޒެކްޓިވް އެލަވަންސް ލިބޭނެ އެވެ. މީގެ އިތުރުން ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓު ދޭނެ އެވެ.

ނަމަވެސް ސީއެސްސީން ފާހަގަކުރާ ގޮތުގައި، ސެކްރެޓަރީ ޖެނެރަލްއަކީ ކައުންސިލުތައް ހިންގުމުގެ އެންމެ އިސް މަގާމަށް ވާތީ، މި މަގާމުތަކަށް އިތުރު ގަޑީގެ ފައިސާއެއް ނުލިބޭނެ އެވެ. ސެކްރެޓަރީ ޖެނެރަލުން ހޯދާ ރަށްތައް:

- ހއ. ތަކަންދޫ ކައުންސިލު

- ހދ. ހިރިމަރަދޫ ކައުންސިލު

- ހދ. ނޮޅިވަރަންފަރު ކައުންސިލު

- ށ. ފޭދޫ ކައުންސިލު،

- ށ. ފީވަށް ކައުންސިލު

- ނ. ހެނބަދޫ ކައުންސިލު

- ނ. ވެލިދޫ ކައުންސިލު

- ރ. ވާދޫ ކައުންސިލު

- ރ. ރަސްމާދޫ ކައުންސިލު

- ރ. މަޑުއްވަރީ ކައުންސިލު

- ރ. އިންނަމާދޫ ކައުންސިލު

- ބ. ފެހެންދޫ ކައުންސިލު

- ބ. ހިތާދޫ ކައުންސިލު

- އއ. ފެރިދޫ ކައުންސިލު

- އއ. ތޮއްޑޫ ކައުންސިލު

- އދ. ހަންޏާމީދޫ ކައުންސިލު

- ވ. ކެޔޮދޫ ކައުންސިލު

- ވ. ތިނަދޫ ކައުންސިލު

- ވ. ރަކީދޫ ކައުންސިލު

- ފ. ދަރަނބޫދޫ ކައުންސިލު

- ދ. ރިނބުދޫ ކައުންސިލު

- ތ. ގާދިއްފުށި ކައުންސިލު

- ތ. ތިމަރަފުށި ކައުންސިލު

- ލ. ދަނބިދޫ ކައުންސިލު

- ލ. މުންޑޫ ކައުންސިލު

- ގއ. ކޮލަމާފުށި ކައުންސިލު

- ގއ. ދެއްވަދޫ ކައުންސިލު

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާ ބަލާނީ ލޯކަލް ކައުންސިލުތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުސޫލުގައިވާ ގޮތުގެ މަތިން "އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓު"ގެ ދާއިރާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާއަށެވެ.

މި ތަޖުރިބާގެ ތެރޭގައި ރިޕޯޓު ހެދުމާއި، ރެކޯޑު ބެލެހެއްޓުމާއި، ސިޓީ ލިޔުންފަދަ އިދާރީ މަސައްކަތްތައް ހިމެނެ އެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 21 ވާ ހޯމަ ދުވަހުގެ މެންދުރު 2:00 ގެ ކުރިންނެވެ.

މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށް ގެންދާނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން އޮގަސްޓު 21 ވަނަ ދުވަހުގެ ނިޔަލަށްކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.